ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަން ކުރި ނ. ވެލިދު އަށް ނިސްބަތްވާ ދެ މީހަކު އަންހެން ކުއްޖެއްގެ މައްސަލައިގައި އެ ރަށުގައި މާރާމާރީ ހިންގައި އެކެއްގެ ފައި ބިނދިއްޖެ އެވެ.

ސަން އަށް ވަރަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރެއްވި ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ އެދެ މީހުންނަކީ ނ. ވެލިދޫ މޭވާގޭ މުހައްމަދު އަލީ އާއި އެ ރަށު ސަނީސައިޑް އަހުމަދު ފަޒީލް ]ޖިމޯ[ އެވެ.

އެ ދެ މީހުންގެ ދެމެދުގައި މިދިޔަ ބުދަ ދުވަހު ހިނގި މާރާމާރީގައި ޖިމޯގެ ފައި ބިނދި އޭނާ އަށް ވަނީ އެ ނޫން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ވެލިދޫގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން މުހައްމަދު އަލީ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޝިޔާމް އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ވެލިދޫ ސިއްހީ މަރުކަޒުން ވާހަކަ ދެއްކި މީހަކު ބުނީ ޖިމޯގެ ކަކުލު ހުޅަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާ އަށް ފަރުވާދިނުމަށް ފަހު މިއަދު ދޫކޮށްލި ނަމަވެސް އޭނާ އަށް އެއްވެސް ގޮތަކަށް ނުހިނގޭ ކަމަށެވެ. އޭނާ ބުނީ ޖިމޯއަށް އިތުރު ފަރުވާ ހޯދުމަށް މާލެ ގެންދިޔުމަށް އާއިލާ އިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ޑީޕީއާރުއެސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ނައީމް (މޮނާޒާ ނައީމް)ގެ ފޯން ނިންވާލާފައި އޮތުމުން ޑީޕީއާރުއެސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.