ލަންޑަން (ނޮވެމްބަރ 18) : ލީބިޔާގެ އަވަހާރަކޮށްލާފައިވާ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި އެކުލަވާލި ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ މެންބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް އިނގިރޭސި ޖާސޫސީ އިދާރާއިން ލީބިޔާގެ އެތެރޭގައި ޖާސޫސީ މަސައްކަތްކޮށްފައިވާ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ލަންޑަންގައި ދެއްވި ބަޔާނެއްގައި ވިލިޔަމް ހޭގް ވިދާޅުވީ ގައްޒާފީއަށް ވަފާތެރި ބާރުތަކުގެ ކިބައިން ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ މެންބަރުން ޙިމާޔަތްކުރުމުގައި އިނގިރޭސި ޖާސޫސީ އިދާރާ އެމް.އައި. 5 ން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމުގައެވެ. މިކަމަށްޓަކައި އެމް.އައި. 5 ގެ އެޖެންޓުން ގައްޒާފީގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ލީބިޔާގެ އެކިކަންކޮޅުތަކުގައި ޙރަކާތްތެރިވަމުން ގެންދިޔަ ކަމަށްވެސް ހޭގް ވިދާޅުވިއެވެ.

ހޭގް އިތުރަށް ވިދާޅުވީ ލީބިޔާގައި ތިއްބެވި ހުޅަނގުގެ ބައެއް މަންދޫބުންނާއި ޑިޕްލޮމޭޓުން ގައްޒާފީގެ ބާރުތަކުގެ ކިބައިން ސަލާމަތްކުރުމަށްވެސް އިނގިރޭސި ޖާސޫސީ އިދާރާއިން މަސައްކަތްކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް މިކަމާބެހޭ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ގައްޒާފީގެ ވެރިކަމުގެފަހު ދުވަސްތަކުގައި ލީބިޔާގެ ބޮޑު ސަރަޙައްދެއް ގައްޒާފީގެ ވެރިކަމުގެ ބާރުތަކުން ބޭރުގައި އޮތެވެ. އެސަރަޙައްދުތަކުގައި އިނގިރޭސި ސިއްރު ސިފައިންގެ މުދައްރިބުން ހަތިޔާރާއެކު ޙަރަކާތްތެރިވަމުން ދިޔަކަމަށް އެދުވަސްވަރު ޝާޢިޢުކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނެފައިވެއެވެ. ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ގައްޒާފީގެ ބާރުތަކާބެހޭ މަޢްލޫމާތު ނޭޓޯއަށް ދެމުންގެންދިޔަކަންވެސް މީޑިޔާ ރިޕޯޓްތަކުން ހާމަވެފައިވެއެވެ. (އަލްޖަޒީރާ)