18 Nov 2011, 19:31
އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ ކާރު ޖަމާލުއްދީން ސްކޫލް ގޯތީތެރޭގައި ޕާކްކޮށްފައި އޮއްވައި ބަޔަކު ޕެޓްރޯލް ފުޅި "ބޮމެއް" އެއްލައި ރޯކޮށްލަން މަސައްކަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިރޭ ވިދާޅުވީ އިއްޔެ ހެނދުނު ހިނގި ހާދިސާގައި ޝިފާގެ ކާރަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ނަމަވެސް ދެ ޕެޓްރޯލް "ބޮމް"ފުޅިއެއް އެ ގޯތި ތެރެއަށް އެއްލާލި ކަމަށާއި އެއް ފުޅި ގޮވީ ޝިފާގެ ކާރު ދަށަށް ކަމަށެވެ. އަދި އެނެއް ފުޅި ގޮވީ ކާރާ ތަންކޮޅެއް ދުރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝިޔާމު ވިދާޅުވީ އެ ދެފުޅި ގޮއްވާލިކަން ފުލުހުންނަށް ރިޕޯޓް ކުރީ އެ ދޭތި ގޮވި އަޑު އިވުނު ބަޔަކު ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ލަފާކުރެވެނީ ޕެޓްރޯލް "ބޮމްބް" ދެ ފުޅި ސްކޫލްގެ ފާރުމަތިން އެއްލި ކަމަށެވެ.