ކުޅުދުއްފުށީގެ ގެއެއްގައި އަލިފާން ރޯވެ އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ، ރޭ ފަތިހު 4:16 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވީ ކުޅުދުއްފުށީ، "ކަކާގެ" ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަން ވެސް ސިފައިން ޔަގީންކޮށްދިނެވެ.

ފުލުހުން ބުނި ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެ ގޭގެ އެތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގަ އެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުގެ ރޯވި އަލިފާންގަނޑު ބޮޑުވެ، ކަކާގެ ފުރާޅުގައި ވެސް ރޯވެ، ސައިކަލުގެ ކައިރީގައި ބާއްވާފައި އޮތް ރަށު ޕިކަޕެއްގައި ވެސް އަލިފާން ހިފާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސިފައިން ބުނި ގޮތުގައި ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން އަލިފާން މުޅިން ނިއްވާލެވުނީ ފަތިހު، 4:40 އެހާއިރު އެވެ.

ފުލުހުން ބުނީ، އެ އަލިފާން މުޅިން ނިއްވާލެވުނު އިރު އެ އަލިފާނުގެ އަސަރު، ކަކާގެއާ އިންވެގެން ހުރި، ނަހާގެއަށް ވެސް ކޮށްފައިވާ ކަމަށެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އަލިފާނުގެ ސަބަބުން ކަކާގެއަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.