އެ އަތޮޅަކުން ލިބޭ ފައިސާ އެ އަތޮޅަކަށް ލިބެން ޖެހޭނެ ކަމަށް ދެކުން އެއީ އެއް ގޮތަކަށް ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހުރިހާ މުދަލަކީ ވެސް މި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މިލްކެއް ކަމަށާއި އެ ނޫން ގޮތަކަށް ވެއްޖެ ނަމަ ހަމަ ނުޖެހުމާއި ތަޅާ ފޮޅުން ފެނިގެން ދާނެ ކަމަށެވެ.

އެ އަތޮޅަކުން ލިބޭ ފައިސާއެއް އެ އަތޮޅަކަށް ހަރަދު ކޮށްފި ނަމަ ގުދުރަތީ ވަސީލަތްތައް މަދު އާމްދަނީ މަދުން ލިބޭ އަތޮޅުތައް ބިކަ ވެގެން ދާނެ ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ނިސްބަތްވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ލިބޭނެ އެއްޗަކާ މެދު ޝަރީފް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ފަޅު ރަށަކީ ވަކި މީހެއްގެ ވަކި ބައެއް އެއްޗެއް ނޫން. އެއީ މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ މިލްކެއް، ހައްގެއް،" ޝަރީފް ވިދާޅުވި އެވެ.

ވަސީލަތްތައް ބެހުމުގައި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހޭނެކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ބައެއް އަތޮޅުތަކުގައި ވަރަށް ގިނަ ފަޅު ރަށްތައް އެބަހުރި ކަމަށާއި އަދި ފުވައްމުލައް ފަދަ ސިޓީތަކުގައި އެއްވެސް ފަޅު ރަށެއް ނެތް ކަމަށެވެ.

"މިހާރު ސްޕެއިންގައި ވެސް އެ ފެންނަނީ މި ރިސޯސް ބެހުމުގައި އިންސާފުވެރި ނުވެއްޖެ ނަމަ ނިކުންނާނެ މައްސަލަތައް. އައްޑު އަތޮޅު ވެސް މާލެ ވެސް މިހުރިހާ ތަންތަނުގައި ވެސް ގައުމީ މިލްކިއްޔާތު އިންސާފުވެރިކަމާ އެކު ބެހިގެން ދާނެ ގޮތަކަށް ކަންކަން ނުކޮށްފިކަމުގައި ވެއްޖިއްޔާ ރާއްޖޭގެ އާންމު މަސްލަހަތު ގެއްލޭނެ." ޝަރީފް ވިދާޅުވި އެވެ.

އަލީ ނިޔާޒު: ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ވަނީ ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައި -- ފައިލް ފޮޓޯ/ މަޖިލިސް

އެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ބިލްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވަން ކަމަށާއި އެގޮތުން ދައުލަތުގެ އާމްމުދަނީގެ ފަހެއް އިންސައްތަ ހާއްސަކުރަނީ ކައުންސިލްތަކަށް ކަމަށެވެ.

"އަދި ހަމަ އެހެންމެ ރަށް ރަށާއި ފަޅާއި ގިރިތަކުގެ ބިމު ކުލިން ލިބޭ އާމްދަނީގެ 40 އިންސައްތަ ހާއްސަކުރަނީ ކައުންސިލްތަކަށް،"

"އަޅުގަނޑުމެން އެންމެން ވެސް އެދެނީ އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ދިނުމަށް. އަދި ހަމައެހެންމެ އަތޮޅެއްގެ މުއްސަނދިކަން ވެސް އެ އަތޮޅަށް ދިނުމަށް. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު އެގޮތަށް ނިންމައިފި ނަމަ މިވަގުތުގެ އަތޮޅުތެރޭގެ ހާލަތު ހުރި ގޮތުން ރާއްޖޭގެ މުއްސަނދިކަން ލިބެނޭ އެންމެ ހަތަރު އަތޮޅަށް ކަމަށް ނިޔާޒު ފާހަގަ ކުރެއްވި އެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. ރާއްޖޭގައި ފުދުންތެރި ހަތަރު އަތޮޅު އޮތް ކަން ނިޔާޒު ފާހަގަކުރެއްވި ނަމަވެސް އެއީ ކޮން ހަތަރު އަތޮޅެއް ކަމެއް ނިޔާޒު ވިދާޅެއް ނުވެ އެވެ.