18 Nov 2011, 18:53
މި މަހު 10 އިން 11 އަށް އައްޑޫ ސިޓީގައި އޮތް ސާކް ސަމިޓަށް ލަންކާ ސަރުކާރުން ބެހެއްޓި، އެ ގައުމުގެ ގައުމީ ނިޝާންގައި ބޭނުން ކުރާ، ސިންގާ ހިމެނޭ މޮނިއުމަންޓުގެ މޫނުމަތި ބަޔަކު ތަޅާލައިފި އެވެ.
ލަންކާ މޮނިއުމަންޓްގެ މޫނުމަތި ތަޅާލާފައިވާ އިރު އަންގާރަ ދުވަހު ވަނީ އެ މޮނިއުމަންޓަށް ކަޅުތެޔޮ ވެސް ޖަހައިފަ އެވެ.
އައްޑޫ ސިޓީގެ މަރަދޫގައި ބަހައްޓާފައި ހުރި އެ މޮނިއުމަންޓުގެ މޫނުމަތި ތަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ލަންކާ މޮނިއުމަންޓް ހުންނަ ސަރަހައްދުގައި މިފަހަކަށް އައިސް ފުލުހުން ފޯރި މަރަމުން އެބަދޭ. ނަމަވެސް ރޭގެ ވަގުތެއްގައި މޮނިއުމަންޓްގެ މޫނުމަތި ތަޅާލައިފައި ވަނީ،" މަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ލަންކާ މޮނިއުމަންޓްގެ މޫނުމަތި ތަޅާލައިފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ބުދު ދީންގެ މީހުން އަޅުކަން ކުރާ ޒާތުގެ ބުދު ހިމެނޭ ޕާކިސްތާން މޮނިއުމަންޓަށް ތަފާތު ފަހަރުމަތިން ގެއްލުން ދިނުމަށް ފަހު އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އެ މޮނިއުމަންޓު ވަގަށް ނަގައިފަ އެވެ.
ޕާކިސްތާން މޮނިއުމަންޓް ވައްޓައިލި މައްސަލައިގައި ސަރުކާރުގެ އެއްޗަކަށް ގެއްލުން ދިން ކަމަށްބުނެ ފުލުހުން ވަނީ އުމުރުން 26 އަހަރާއި 28 އަހަރުގެ ދެ ފިރި ހެނަކު ހައްޔަރުކޮށްފަ އެވެ.
ރޭ މާލޭގެ މަގުތައް މަތީ ޒުވާނުންގެ ބަޔަކު ވަނީ ބުދުތައް ތަޅައިލުމަށް ގޮވައިލައި މުޒާހަރާއެއް ވެސްކޮށްފަ އެވެ.