21 Oct 2019, 15:25
ރައްޔިތުންގެ މަޖިލިސް މިހާރުގެ ބައެއް މެމްބަރުންނަށް ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޕީޖީއިން މިހާރު ކުރަމުންދާ މަސައްކަތްތައް ބެލުމަށް ޕީޖީ ބިޝާމް މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމުން އޭނާ ވިދާޅުވީ، އެ ކޮމިޓީގައި ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތުވާ މެމްބަރުން ތިއްބެވި ކަމަށެވެ.
އޭގެ އިތުރުން، މިހާރު މިނިސްޓަރު ކަމުގެ މަގާމުގައި ތިއްބެވި ބައެއް މީހުންނަށާއި ފަނޑިޔާރުންގެ މަގާމުގައި ތިއްބެވި ބައެއް މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ ކަމަށް ބިޝާމް ވިދާޅުވި އެވެ.
ކޮމިޓީގައި ތުހުމަތު ކުރެވޭ މެމްބަރުން ތިބުމުން، ބައެއް މައުލޫމާތު ހާމަ ކުރެއްވުމަށް ބިޝާމް ބޭނުންފުޅެއް ނުވި އެވެ. އޭނާ ވިދާޅުވީ، ތުހުމަތު ކުރެވޭ މެމްބަރުން އެ ކޮމެޓީން ތަނާޒުލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރަން ދަތިފުޅުވާނެ ކަމަށެވެ.
އެކަމާ ގުޅިގެން މެމްބަރަކު ހުށަހެޅުއްވީ ކޮމިޓީ ސިއްރުކޮށް، ތުހުމަތުވާ މެމްބަރުންގެ ނަންތައް ހާމަކޮށް، އެ މެމްބަރުންނާ ނުލައި ކުރިއަށް ގެންދިޔުމަށެވެ. އެއާ އެކު، މެމްބަރުންގެ ވޯޓުން ކޮމިޓީ ސިއްރު ކުރަން ފާސްކޮށް ނޫސްވެރިން ވަނީ ބޭރުކޮށްލައިފަ އެވެ.
އޭސީސީ އިން ތައްޔާރު ކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުން ދައްކާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ވަނީ ކުރީގެ ބައެއް މެމްބަރުންނާއި، މިހާރުގެ މިިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ އެކައުންޓަށް ފައިސާ ޖަމާވެފަ އެވެ.
ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާވިކަން އެ ރިޕޯޓުން ހާމަވި އެވެ. އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ނަން ހިމެނިފައި އޮތީ ވިލުފުށި ދާއިރާގެ އޭރުގެ މެމްބަރު ރިޔާޒް ރަޝީދާއި، ތ. ގުރައިދޫ ދާއިރާގެ އޭރުގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި، ހުޅުހެންވޭރު ދާއިރާގެ އޭރުގެ މެމްބަރު މޫސާ މަނިކުގެ ނަމެވެ. މި ބޭބޭފުޅުންނަށް އެސްއޯއެފްއިން ފައިސާ ޖަމާވިކަމަށް ރިޕޯޓުގައި ވެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ނެންގެވި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.