އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ބަލަމުންދާ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރާތީ، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ގުޅުއްވައި، ނުފޫޒު ފޯރުވުމުގެ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި މަރިޔަމް ޝިއުނާ ވިދާޅުވީ، ސަމީރު އޭނާ އަށް ގުޅުއްވާފައި ވާހަކަ ދެއްކެވި ގޮތުން ދޭހަވަނީ، ވަކި ކަމެއް އޭނާ ލައްވާ ކުރުވަން މަސައްކަތް ކުރެއްވި ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ގަލޮޅު ދެކުނު ދާއިރާ މެމްބަރު، މީކާއީލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއަށް ނުފުޒޫ ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ކޮމިޓީގެ ބައްދަލުވުމުގައި ޝިއުނާ ވިދާޅުވެފައިވާތީވެ އެކަމާ ކަންބޮޑުވާ ކަމަށެވެ. އެ މައްސަލަ ރައީސް އޮފީހުން ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސަމީރު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

އޭސީސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝިއުނާ ވިދާޅުވެފައިވަނީ،، އެ ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، އެ ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރައްވާނެ ކަމަށެވެ.