18 Nov 2011, 13:18
ޖަކާޓާ (ނޮވެމްބަރ 18) : އެމެރިކާގެ ބޮއިންގް ކުންފުނީގެ ތާރީޚުގައި ހިންގާ ވިޔަފާރީގެ އެންމެ ބޮޑު މުޢާމަލާތުގެ އެއްބަސްވުމުގައި އިންޑޮނީޝިޔާގެ އަމިއްލަ ކުންފުންޏަކާ އެކު ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް ބޮއިންގް އިން ބުނެފި އެވެ.
ބޮއިންގްގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ދަށުން އިންޑޮނީޝިޔާގެ ލިޔޮން އެއާ ކުންފުނިން، ބޮއިންގް 737 މަރުކާގެ (ކުދިސައިޒްގެ) 230 މަތިންދާޓު ގަތުމަށް ވަނީ ނިންމާފަ އެވެ. މި ބޯޓުތަކުގެ އަގަކީ 21.8 ބިލިޔަން އެމެރިކާ ޑޮލަރެވެ. ބޮއިންގް ކުންފުނީގެ ތާރީޚުގައި ހިންގާ ވިޔަފާރީގެ އެންމެ ބޮޑު މުޢާމަލާތުގެ މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިންޑޮނީޝިޔާގެ ބާލީގައި މިހާރު ހުންނެވި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ބޮއިންގް ކުންފުނީގެ ވިޔަފާރީގެ މި މުޢާމަލާތުގެ ޚަބަރު ހާމަކޮށްފައި ވަނީ އޮބާމާ ބާލީ އަށް ވަޑައިގަތުމުގެ ތަންކޮޅެއްކުރީގަ އެވެ.
މިއެއްބަސްވުމުގެ ދަށުން ބޮއިންގް ކުންފުނިން އުފައްދާ 737 މަރުކާގެ ކުދިސައިޒްގެ ދެބާވަތެއްގެ ބޯޓު، ލިޔޮން އެއާ ކުންފުނިން ގަންނާނެ އެވެ. އެއީ މިހާރު ބޭނުންކުރަމުން ގެންދާ ބޮއިންގ 737 މަރުކާގެ ބޯޓާއި 2017ގައި ބާޒާރަށް އަލަށް ނެރުމަށް ބޮއިންގ ކުންފުނިން މަސައްކަތް ކުރަމުންގެންދާ މިސައިޒްގެ ވަރަށް މަތީފެންވަރުގެ މަރުކާއެއް ކަމަށްވާ ބޮއިން 737-900ގެ ޖީލުގެ މަތިންދާ ބޯޓެވެ. މި ޖީލުގެ ބޯޓު ޚިދްމަތަށް ނެރޭނީ އަދި 6 އަހަރު ފަހުންނެވެ. އިންޑޮނީޝިޔާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ލިޔޮން އެއާ ކުންފުންޏަކީ ވަރަށް ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން ބޭނުން ކުރަނީ ކުދި ސައިޒްގެ މަތިންދާބޯޓެވެ.
މިއެއްބަސްވުމުގެ ދަށުން ޑިސްކައުންޓަކާ އެކު އިތުރު 150 ބޯޓު 14 ބިލިޔަން ޑޮަލަރަށް ގަތުމުގެ ފުރުސަތު ލިޔޮން އެއާ ކުންފުންޏަށް ލިބިގެންދާނެ އެވެ. މި ބޯޓުތައް ގަތުމުން މި މުޢާމަލާތުގެ ޖުމްލަ އަގު 35 ބިލިޔަން ޑޮަލަރަށް އަރާނެ އެވެ. އިންޑޮނީޝިޔާގެ ލިޔޮން އެއާ ކުންފުންޏާ އެކު ސޮއިކުރާ މިއެއްބަސްވުމުގެ ސަބަބުން ބޮއިންގް ކުންފުންޏާ އެ ކުންފުންޏަށް ޚިދްމަތްދޭ އެހެން ކުންފުނިތަކުގައި ޖުމްލަ އެއްލައްކަ 10 ހާސް ވަޒީފާ އުފެދުމުގެ ފުރްސަތު ތަނަވަސްގެންދާނެ ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.
އިޤްތިސާދީ ހީނަރުކަމުން އެމެރިކާ އަރައިގަތުމަށް އޮތް ހަމައެކަނި މަގަކީ ވަޒީފާގެ ފުރްސަތު އިތުރުވުންކަމަށް އެމެރިކާގެ ތަޖްރިބާކާރުން ހާމަކުރައްވަ އެވެ. (ނޫސްއެޖެންސީތައް)