18 Nov 2011, 00:34
އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓްތައް މުގުރާލުމަށް ގޮވާލައި ބަޔަކު މީހުން މުޒާހަރާކޮށް މުލިއާގެ ކައިރިއަށް އެއްވާން މަސައްކަތް ކުރަނިކޮށް ފުލުހުން ނުކުމެ މުޒާހަރާ ރޫޅާލައިފި އެވެ.
"ޒުވާނުން"ގެ ނަމުގައި މިރޭ 9:30 އެހާކަންހާއިރު އާޓިފިޝަލް ބީޗަށް އެއްވި މީހުން އެ ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށްފަހު މަގުތަކަށް ނުކުމެ އެކި ސަރަހައްދުތަކުގައި ބުދު ބެހެއްޓުމާ ދެކޮޅަށް އަޑު ހަރުކުރި އެވެ. އެމީހުން ގޮވަމުން ދިޔައީ ލާދީނީ ފިކުރަށް ރާއްޖޭގައި ޖާގަދީގެން ނުވާނެ ކަމަށާއި ބުދުތައް ތަޅައިލުމަށެވެ. އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތަކުގެ މޮނިއުމަންޓްތައް މާދަމާގެ ހުކުރަށް ފަހު ތަޅާލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. މީގެ އިތުރުން މަސާޖު ޕާލާތައް ބަންދު ކުރުމަށާއި ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.
އެ މީހުން މަސައްކަތްކޮށްފައި ވަނީ މުލިއާގޭ ކައިރިއަށް އެއްވުމަށެވެ. ނަމަވެސް އޭގެ ކުރިން ފުލުހުން ވަނީ މުލިއާގެއަށް ވަދެވޭ ހުރިހައި މަގުތަކެއް ބަންދުކޮށްފަ އެވެ.
"ބުދުތަކާ ދެކޮޅަށް" ކުރި މުޒާހަރާ ފުލުހުން ރޫޅައިލީ މުލިއާގެއާ ދިމާލުން އަލިކިލެގެ ފާނު މަގުންނެވެ. މުޒާހަރާ ރޫޅައިލުމުގައި ރަޔަޓް ގިޔަރު ފުލުހުން، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 10 ވަރަކަށް މީހުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެ އެވެ.
މުޒާހަރާ ކުރި މީހުން ބުނީ މާދަމާ ހުކުރުން ފައިބައިގެން އަނެއްކާވެސް މުޒާހަރާ ކުރާނެ ކަމަށެވެ.