17 Nov 2011, 22:11
މި މަހު 10 އިން 11 އަށް އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ޗައިނާ ސަރުކާރުން ހަދިޔާ ކުރި ޖީޕްތަކާއި ކާރުތަކުގެ އިތުރަށް ކޮންވެންޝަން ސެންޓަރުގައި ބޭނުން ކުރުމަށް ޗައިނާ އިން ހަދިޔާ ކުރި އަލިފާން ނިއްވާ ސާމާނުކޮޅު ވެސް މިއަދު މާލެ އަށް ފޮނުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިރޭ ވިދާޅުވީ ޗައިނާ އިން ސަމިޓަށް ހަދިޔާ ކުރި ބޮޑު ކޮޓަރިއެއް ފުރެންދެން ހުރި އަލިފާން ނިއްވާ ސާމާނުތައް، މާސީޑީސް ބެންޒު ކާރުތަކާއި އަދި އެ ނޫން ވެހިކަލްތަކާ އެކު، މިއަދު ޑިފެންސް މިނިސްޓްރީގެ ފަރާތުން މިފްކޯގެ ބޯޓެއްގައި މާލެ ފޮނުވާލާފައިވާ ކަމަށާއި އެ ބޯޓް މިހާރު ލ. އަތޮޅު ފަހަނައަޅައި މާލެ ދަތުރުކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ޗައިނާ ސަރުކާރުން ކޮންވެންޝަން ސެންޓަރަށް ހަދިޔާ ކުރި އަލިފާން ނިއްވާ ސާމާނުގެ ތެރޭގައި އަލިފާން ނިއްވާ ސިލިންޑާރާއި އަދި މާސްކް ފަދަ ހުރިހާ ސާމާނެއް ހުރި ކަމަށާއި އެ ހުރިހާ ސާމާނެއް އެއްކޮށް ގެންގޮސްފައިވާ ކަމަށެވެ.
"މިކޮޅުގައި ކިތަންމެ ކުޑަ އަލިފާންގެ ހާދިސާއެއް ހިނގިއަސް، ޖެހޭނީ އަލިފާން ނިއްވާ މީހުންގެ ހުސްފައިގައި އެކަމާ ކުރިމަލާން،" ސަން އަށް ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަމިޓަށް ގެނައި ހުރިހާ ސާމާނެއް އައްޑޫގައި ބަހައްޓަން ވަކާލާތު ކުރަނީ ނޫން ކަމަށާއި ނަމަވެސް އަންނަ މަހު ކޮންވެންޝަން ސެންޓަރުގެ ޕްރީ ބިޑް މީޓިން ބާއްވާ އިރު، ކޮންވެންޝަން ސެންޓަރުގެ ހުސް އެކަނި ތޮށިގަނޑު ހުރެގެން އެތަން ބަޔަކު ނެގުމަށް ޝައުގުވެރިނުވެދާނެތީ އޭނާ އަކީ ވެސް އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން ކަން ބޮޑުވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ސަމިޓަށް ސަރުކާރުގެ ހުރިހާ ދިމާލަކުން އަދި ކުއްޔަށާއި އެ ނޫން ގޮތްގޮތަށް ގެނައި ސާމާނު ބަހައްޓަން ވަކާލާތު ނުކުރައްވާ ކަމަށާއި ނަމަވެސް ކޮންވެންޝަން ސެންޓަރު ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް އެ ތަނަށް މޮޓޯ ކޭޑްގައި ބޭނުން ކުރުމަށް އެކަށީގެންވާ ވެހިކަތައް ބޭނުން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމައާ އެކު ޗައިނާ ސަރުކާރު ހަދިޔާ ކުރި ހަ މާސީޑީސް ބެންޒު ކާރާއި އަދި ޒުޒުކީ ތިން ކާރާއި 16 ޖީޕް އައްޑޫ ސިޓީގައި އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ ފަރާތުން އެ ހުރިހާ ސާމާނެއް ގެންގޮސްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވީ ސާކް ސަމިޓަށް ޗައިނާ ސަރުކާރުން ހަދިޔާ ކުރި ހުރިހާ ސާމާނަކީ އައްޑޫ ސިޓީ އަށް އަދި ކޮންވެންޝަން ސެންޓަރަށް ހަދިޔާ ކުރި ސާމާނު ނޫން ކަމަށާއި އެއީ މަރުކަޒީ ސަރުކާރަށް ހަދިޔާ ކުރި ސާމާނު ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޒުހައިރު ވިދާޅުވީ ޑިފެންސް މިނިސްޓްރީން އައްޑޫގައި ހުރި ސާމާނު ގެންނަ އިރު، ގެންނާނީ އައްޑޫ ސިޓީ އާއި ކޮންވެންޝަން ސެންޓަރުގެ އިންވެންޓްރީގައި ނުހިމެނޭ ތަކެތި ކަމަށެވެ.
އަދި ކޮންވެންޝަން ސެންޓަރުގެ އިންވެންޓްރީ ސިޓީ ކައުންސިލާ ހަވާލު ނުކުރޭ ނޫންތޯ ދެންނެވުމުން ޒުހައިރު ވިދާޅުވީ އެ އިންވެންޓްރީ ޑިފެންސް މިނިސްޓީގައި އޮންނާނެ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާ ކުރި 13 މިލިއަން ޔުއާންގެ އެހީގެ ތެރޭގައި މާސީޑީސް ބެންޒު ކާރު ވެސް ހިމެނޭ ކަމަށާއި ނަމަވެސް އެ ތަކެތީގެ ފުރިހަމަ ލިސްޓް މިވަގުތު އަތްޕުޅުގައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ސާކް ސަމިޓަށް ވަރަށް ގިނަ ފަރާތްތަކުން އެހީތެރިވެދިން ކަމަށާއި އޭގެ ތެރޭގައި ޕާކިސްތާނުން ބައި މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާ ކުރި ކަމަށެވެ. އަދި ބަނގުލާދޭޝް ސަރުކާރުން ވެސް ހަތް ވެހިކަލެއް ހަދިޔާ ކުރި ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ކޮންވެންޝަން ސެންޓަރަށް ޗައިނާ ސަރުކާރުން ހަދިޔާ ކުރި އަލިފާން ނިއްވާ ސާމާނު ގެންނެވި ގޮތް ސާފު ކުރުމަށް ސަދަން ކޮމާންޑް ސެންޓަރުގެ ކޮމާންޑާ އިބްރާހީމް ދީދީއާ މިރޭ ގުޅުމުން ފޯނުން އަޑު ނުސާފު ކަމަށް ވިދާޅުވެ ފޯން ވަނީ ކަނޑުއްވާލައްވައިފަ އެވެ. ފަހުން އެހެން ނަމްބަރަކުން ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
ނަމަވެސް ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމަށް މިރޭ ގުޅުމުން ވިދާޅުވީ ބައްލަވާލައްވާފައި ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް އޮންލައިން އެޑިޝަން ޕަބްލިޝް ކުރުމާ ހަމައަށް ވެސް އޭނާގެ ވެސް ޖަވާބެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.