17 Nov 2011, 18:46
ރަޝިޔާ ކުލަބް އަންޒީ މަކަޝްކަލާ އިން އިން ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓާ ބާބަޓޯވް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. ބާބަޓޯވް ގެންދިއުމަށް ތަރުކީގެ ގަލަތަސަރާއީ އިން ޝައުގުވެރިކަން ފާޅުކުރީ މިދިޔަ ހަފްތާ ތެރޭގަ އެވެ.
އުމުރުން 30 އަހަރުގެ ފޯވާޑް ބާބަޓޯވް، މިދިޔަ ސީޒަން ނިންމާލީ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރެއެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ބައިވެރި ކުރުވާފައެއް ނުވެއެވެ.
އަންޒީ އިން ރަގަޅު އަގެއް ކިޔައިފިނަމަ އެކުލަބާއި އެކު ވާހަކަތަކުގައި ބައިވެރިވާނެ ކަމަށް ބާބަޓޯވްގެ އެޖެންޓް އެމިލް ޑަންޗޭވް ބުނެފައި ވެއެވެ. "އަންޒީ އިން ރަގަޅު އަގެއް ކިޔައިފިނަމަ އަހަރެމެން އެކުލަބާއި އެކު ވާހަކަތަކުގައި ބައިވެރިވާނަން. މެންޔުނައިޓެޑް އާއި އެކު އުފަލުގައި ހުރި ނަމަ އޭނާ އެޓީމުގެ ބެންޗުގައި އިންނާނީ." ޑަންޗޭވް ބުންޏެވެ.
މެންޔުނައިޓެޑް އާއި އެކު ބާބަޓޯވް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަން ނިމޭއިރަށް ހަމަވާނެ އެވެ. ބިލިޔަނަރު ސުލޭމާން ކެރިމޯވް އަންޒީ އާއި ހަވާލުވި ފަހުން އެކުލަބަށް ވަނީ ރޮބާޓޯ ކާލޯސް، ޔޫރީ ޒިރްކޯވް އަދި ސަމުއެލް އެޓޫ ފަދަ މަޝްހޫރު ކުޅުންތެރިން ހޯދާފަ އެވެ.