17 Nov 2011, 18:42
އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާގެ ގައުމީ ޓީމު ކުޅޭ އެކުވެރިވެރިކަމުގެ މެޗުތަކުގައި ޒުވާން އާ ކުޅުންތެރިންނަށް ފުރުސަތު ދެމުން ދާކަމަށް އެ ޓީމުގެ ކޯޗު ސަވިއޯ މެޑެއިރާ ބުނެފި އެވެ.
މެލޭޝިއާ ގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި އިއްޔެ މެލޭޝިއާ ގައުމީ ޓީމާއި ދެކޮޅަށް ކުޅެ އިންޑިއާ ވަނީ 2-3 ލަނޑުން މެޗު ކާމިޔާބު ކޮށްފަ އެވެ. މިމެޗުގައި އިންޑިއާގެ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތުރީ ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު، ޒުވާން ފޯވާޑް ޖޭޖޭ ލަލްފެކޫލާ ވެސް ލަނޑެއް ކާމިޔާބު ކޮށްދިނެވެ. މެލޭޝިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
"ކޮންމެ ކުޅުންތެރިއަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް އަހަރެން ވިސްނާފައި ވާނީ. ސާފް ޗެމްޕިއަންޝިޕަށް ފެށުމުގެ ކުރިން އާކުޅުންތެރިންގެ ވެސް ކުޅުން ފާހަގަކޮށް އެކުޅުންތެރިންގެ ކިބާގައި ހުރި ހުނަރުތައް ބަލަން ޖެހޭ." މެޑެއިރާ ބުންޏެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާއިރު، މުބާރާތުގައި އިންޑިއާ ހިމެނެނީ ގްރޫޕް އޭ ފަޅީގަ އެވެ. ގްރޫޕް އޭ ގައި ހިމެނޭ އަނެއް ޓިމުތަކަކީ އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން އެވެ. ގްރޫޕް ބީގައި ހިމެނެނީ ހިމެނެނީ ދިވެހިރާއްޖެ އާއި ނޭޕާލް އާއި ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.
އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.
މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.