ސަގާފީ އަގެއް ހުރި އެއްޗެއް ހޯދުމުގެ ބޭނުމުގައި ތަންތަން ކޮނުމަށްޓަކައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ތަރިކަ ރައްކާތެރިކުރުމުގެ މަރުކަޒެއް ހުޅުވާފައިވަނީ މިދިޔަ މަހު އެވެ.

އެ މަރުކަޒުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ މަރުކަޒުގެ ހުއްދައާ ނުލާ ތަރިކަ ނެގުމުގެ ގޮތުން ތަނެއް ކޮނުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

ފަހަކަށް އައިސް ގާނޫނާ ހިލާފަށް ސަގާފީ ތަރިކަތައް ހޯދުމަށާއި އާންމުކުރުމަށްޓަކައި ތަންތައް ކޮނެހަދާ މައްސަލަތައް ފާހަގަކުރެވޭ ކަމަށް އެ މަރުކަޒުން ބުންޏެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ގާނޫނާ އެއްގޮތަށް އެފަދަ ތަންތައް ކޮނެ ހަދާ ފަރާތްތައްވެސް އެކަންތައް ކުރަން ޖެހޭނީ ކަނޑައެޅޭ ސައިންޓިފިކް ހަމަތަކުގެ މަތީންނާއި ހާއްސަކޮށްފައިވާ އާލާތްތައް ބޭނުންކޮށްގެން ކަމަށެވެ.

އެ ނޫން ގޮތަކަށް ތަންތަން ކޮންނަ ކަމުގައިވާނަމަ ސަގާފީ ތަރިކައަށް ގެއްލުން ލިބި އަބަދައް ނެތިދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ގާނޫނުގެ ދަށުން ސަގާފީ ތަރިކަ އާއި އޭގެތެރޭގައި ހިމެނޭ އާސާރީ ބިނާތަކާއި އާސާރީ ސަރަހައްދުތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަޔާންކޮށް އަދި އެނޫންވެސް ސަގާފީ ތަރިކަައާ ގުޅުންހުރި މަސައްކަތްތައް ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަރުކަޒާ ހަވާލުކޮށްފައެވެ.