މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ ތަހުގީގަށް ހ. ސެލްވޭޝަން ޑރ. ފާތިމަތު އަޒްރާ ނަސީމް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަޒްރާ އަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އެހެން ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އަދި އަޒްރާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވުމާއި އަދި އިއުލާނުކޮށްދިނުމަށް އެދިފައިވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަޒްރާ ފުލުހަށް ހާޒިރުކުރާ ހައިސިއްޔަތު ކަމުގައި ފުލުހުން ބުނެފައި ވަނީ އެމްޑީއެން އިން ޝާއިއުކުރި ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ، އާންމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.

އެހެންކަމުން ނޮވެމްބަރު ފަސް ވަނަ ދުވަހުގެ މެންދުރު 1:00 އަށް ފުލުހަށް ހާޒިރުވުމަށް އަޒްރާއަށް ވަނީ އަންގައިފަ އެވެ.

އަޒްރާ މިވަގުތު ދިރިއުޅެމުން އަންނަނީ ސްޕެއިންގައި ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އެ ރިޕޯޓުގެ މައްސަލައިގައި ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް ހާޒިރުވާން ބައެއް މީހުންނަށް މިހާރު ޗިޓު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހަށް ހާޒިރު ކުރަން އެންގީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.