އަންނަ ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމަށް ދިވެހި ޤައުމީ ޓީމް މެލޭޝިއާގައި ކުޅޭ ރަހުމަތްތެރިކަމުގެ ހަތަރު ވަނަ މެޗް މާދަމާ ކުޅޭނެ އެވެ.

ރާއްޖެ ގަޑިން މާދަމާ ހަވީރު 5:45 ގައި މެލޭޝިއާގެ ފުޓްބޯޅައިގެ އެއްވަނަ ޑިވިޝަން ކަމަށްވާ ސުޕަލީގުގެ ޗެމްޕިއަން ކެލަންޓަންއާ ދެކޮޅަށް ރާއްޖެ މާދަމާ ނުކުންނައިރު، މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. އަދި މާދަމާގެ މެޗަށްފަހު މިމަހުގެ 19 ވަނަ ދުވަހު ޤައުމީ ޓީމް މާލެއައުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 1- 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ދިވެހި ޓީމާ ދެކޮޅަށް ނުކުތީ މެލޭޝިއާގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމެކެވެ. އަދި މިމެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. އަދި ދެ ވަނަ މެޗުން ރާއްޖެ މޮޅުވީ މެލޭޝިއާގެ އާމްޑް ފޯސް އަތުން 5-0 ލަނޑުންނެވެ. ތިންވަނަ މެޗުން ރާއްޖެ މޮޅުވީ މެލޭޝިއާގެ ސައިމް ޑާބީ އެފްސީއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ނެވެ. މެޗުގައި ދިވެހި ޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އެވެ.


މެލޭޝިއާ ދަތުރަށް ފަހު ސީޝެލްސްއާ ދެކޮޅަށް މާލޭގައި އެކުވެރި ކަމުގެ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.


އަންނަ މަހުގެ ދެ ވަނަ ދުވަހު ސާފް ޗެމްޕިއަން ޝިޕް ފަށާ އިރު، މުބާރާތުގައި ރާއްޖެ ލައްވާލީ މިސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކާއެކު ގްރޫޕް ބީ ފަޅީގަ އެވެ. ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.


ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.


އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.