ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރޭގައި ރާއްޖެފަދަ ދުނިޔޭގެ އެންމެ ތިރި ޤައުމުތަށް ހިމެނޭއިރު، މިސަރަޙައްދުގެ ނޭޕާލް އަކީ ދުނިޔޭގެ އެންމެ އުސް ކަމަށްބެލެވޭ މައުންޓް އެވަރެސްޓްހުރި ހިމާލިޔާ ފަރުބަދަ ތަކުގެ ތެރޭގައި އޮތް ޤައުމެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާ އާއި އިންޑިޔާ ސަރަޙައްދީ ގޮތުން އެއްއިންވެފައިވާ ނޭޕާލްގެ އާބާދީއަކީ 30 މިލިޔަން މީހުނެވެ.

ފަރުބަދަތައް ގިނަވުމުގެ ސަބަބުން ނޭޕާލްގައި އެންމެ މަޝްޙޫރު ކުޅިވަރަކީ ސްކީ ކުރުމާއި ފަރުބަދައަށް އެރުމެވެ. ނަމަވެސް ކްރިކެޓާއި ފުޓްބޯޅަ އަކީވެސް މިޤައުމުގެ ރައްޔިތުން ފޯރިނަގާ ކުޅިވަރުތަކެކެވެ.

ސާފް ޗެމްޕިޔަންޝިޕްގައި ރާއްޖެއާއި އެއް ޤްރޫޕެއްގައި ހިމެނޭ ނޭޕާލްގައި ޤައުމީ ފުޓްބޯޅަ އެސޯސިއޭޝަންއެއް 1951 ގައި އުފައްދާ ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި ގުޅުނީ 1970 ވަނަ އަހަރުއެވެ.

ނޭޕާލްގެ ފުޓްބޯޅަ ޖަމިއްޔާ އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަންގެ މިހާރުގެ ޗެއާމަން އަކީ އޭއެފްސީ ގެ ޑެޕިޔުޓީ ޗެއާމަންކަމުގެ މަޤާމުވެސް ފުރަމުންދާ ގަނޭޝް ތާޕާ އެވެ. މީނާ އަކީ ނޭޕާލްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ބެލެވޭ މީހާއެވެ.

ނޭޕާލްގައި ފުޓްބޯޅައިގެ ފޯރި އަށަގަނެފައިވަނީ މީގެ 70 ވަރަކަށް އަހަރު ކުރިން އެޤައުމުގައި ފުރަތަމަ ފުޓްބޯޅަ މުބާރާތް ބޭއްވުމާއި އެކުގައެވެ. ނޭޕާލްގެ ފުޓްބޯޅައިގެ ފެންވަރާއި ފޯރި ދަށަށް ގޮސްފައިވަނީ އެޤައުމަށް ދިމާވަމުންދާ އިޤްދިޞާދީ ދަތިތަކާއި ޤައުމުގެ އެތެރޭގައި ގިނަގިނައިން އުފެދެމުންދިޔަ ދާޙިލީ މައްސަލަތަކުގެ ސަބަބުންނެވެ.

ނޭޕާލްގެ ޤައުމީ ފުޓްބޯޅަ ޓީމުން ފުރަތަމަ ބައިނަލް އަޤުވާމީ މެޗެއް ކުޅެފައިވަނީ 13 އޮކްޓޫބަރ 1972 ވަނަ އަހަރު ޗައިނާ އާއި އިދިކޮޅަށް ޗައިނާގެ ބޭޖިންގް ގައެވެ. މިމެޗުން ނޭޕާލް މޮޅުވީ 6 ލަނޑު 2 ލަނޑުންނެވެ. ނޭޕާލް އިން ފުޓްބޯޅަމެޗެއްގައި އެންމެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ 26 ސެޕްޓެމްބަރ 1999 ގައި ބޫޓާން ކޮޅަށް 7 ލަނޑު ޖަހައިގެނެވެ.

ނޭޕާލްގެ ޤައުމީޓީމް އެންމެ ބޮޑު ބައްޔަކުން ބަލިވެފައިވަނީ 2003 ވަނަ އަހަރު ދެކުނު ކޮރެޔާއާއެކު ކުޅުނުމެޗްގައި 16 ލަނޑު 0 ލަނޑުން ބަލިވުމުންނެވެ.

އެވްރެޖް ގޮތެއްގައި ފީފާގެ ޤައުމުތަކުގެ ދަރަޖަކުރުމުގެ 187 ވަނާގައި އޮތް ނޭޕާލްއަށް ފީފާގެ އެންމެ މަތީ ދަރަޖައެއް ގައި ހިފެހެއްޓިފައިވަނީ 1993 ވަނަ އަހަރު 124 ވަނަ ދަރަޖަ ލިބުނުއިރުއެވެ.

ކޮންމެ ޤައުމެއްގެ ފުޓްބޯޅައިގެ ކުރިއެރުމުގެ އެންމެ މުހިންމު އެހީތެރިޔަކީ އެޤައުމެއްގެ އެތެރޭގެ ފުޓްބޯޅަ މުބާރާތްތަކަށް ވާހިނދު، ލާމަރުކަޒީ ނިޒާމަކުން ހިންގާ ނޭޕާލްގެ އެތެރޭގައި އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތަކީ ޤައުމީ ލީގް މުބާރާތެވެ. ފުރަތަމަ ޑިވިޒަންގައި 10 ޓީމް ވާދަ ކުރާ އިރު މުބާރާތުގެ މެޗްތައް ކުޅެމުންދަނީ ހޯމް އެންޑް އަވޭގެ އުޞޫލުން އެކުލަބެއް ހިމެނޭ ސަރަޙައްދެއްގައެވެ.

އަދި އެހެނިހެން ޑިވިޒަން ތަކުގައި ލާމަރުކަޒީ އިދާރީ ދާއިރާތަކުގެ ކުލަބުތަކުން ހޯމް އެންޑް އަވޭ އުޞޫލުން ވާދަކުރަމުން ދެއެވެ. މުބާރާތުގެ ފޯރި ހުރިގޮތުން ނޭޕާލްގެ ފުޓްބޯޅަ އިދާރާއިން ކުރިއަށް ވިސްނާފައިވަނީ ލީގް މެޗްތަކުގެ 50 ޕަސެންޓް ފުޓްބޯޅައިގެ ފޯރިގަދަ ކަތްމަންޑޫ ގައި ކުޅޭގޮތަށެވެ.

ޤައުމުގެ އެތެރޭގެ ފުޓްބޯޅައިގާ ފޯރި ނެގޭތޯ މަސައްކަތްކުރަމުން ދިޔަނަމަވެސް، ނޭޕާލްގެ ޤައުމީ ޓީމަކީ ސާފް ޗެމްޕިޔަންޝިޕްގައި އެހާ ނަސީބު ރަނގަޅުޓީމެއް ނޫނެވެ. ނުވަތަ މިމުބާރާތް ފެށިގެން އައިސްފައިވަނީ ނޭޕާލްގެ ފުޓްބޯޅައިގެ ފެންވަރު ދަށަށްދާންފެށި ވަގުތުގައެވެ.

ސާފް ޗެމްޕިޔަންޝިޕްއެއްގައި ނޭޕާލްއަށް އަދި މިހާތަނަށް ފައިނަލަކާއި ހަމައަށް ދަތުރު ކުރެވިފައެއް ނުވެއެވެ. މިމުބާރާތުން އެންމެ ބޮޑު ކާމިޔާބެއް ލިބިފައިވަނީ 1993 ވަނަ އަހަރު ތިން ވަނަ މަޤާމު ލިބުމެވެ.

ސަރަޙައްދީ ފެންވަރުގެ ކާމިޔާބީ ތަކަށް ބަލާއިރު، ސާފް ގޭމްސް ގައި ފުޓްބޯޅައިން ނޭޕާލް ކާމިޔާބީ ތަކެއް ހޯދާފައިވެއެވެ. މިގޮތުން ސީނިޔަރ ޤައުމީ ޓީމް މިމުބާރާތުގައި ވާދަކުރިއިރު 1984 ވަނަ އަހަރު ކަތްމަންޑޫގައި ބޭއްވި ފުރަތަމަ ސާފް ގޭމްސް އިން ރަން މެޑެލް ހޯދިއެވެ. އަދި 1993 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި އޮތް ސާފް ގޭމްސް އިން ވެސް ނޭޕާލް ވަނީ ރަންމެޑެލް ހޯދާފައެވެ. މީގެ އިތުރަށް ސާފްގޭމްސް ފުޓްބޯޅައިން އެއް ރިހި މެޑެލް އާއި ތިން ރަންވަންލޯ މެޑެލް ހޯދާފައިވެއެވެ.

މިއަހަރުގެ ސާފް ޗެމްޕިޔަންޝިޕަށް ނޭޕާލް ޓީމް ތައްޔާރުވާއިރު 2011 ވަނަ އަހަރަކީ ނޭޕާލްގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގިނަ މެޗްތަކެއް ކުޅެން ޖެހުނު އަހަރެކެވެ. މިގޮތުން އޭއެފްސީ ޗެލެންޖް ކަޕް އާއި ވޯލްޑްކަޕް ކޮލިފިކޭޝަންގެ މެޗްތައް މިހާތަނަށް މިއަހަރުގައި ނޭޕާލުން ވަނީ ކުޅެފައެވެ.

އޭއެފްސީ ޗެލެންޖް ކަޕްގައި ސްރީލަންކާ، އަފްޣާނިސްތާން އާއި އުތުރު ކޮރެއާ ހިމަނައިގެން ކަތްމަންޑޫ ކުޅުނު މެޗްތަކުން ނޭޕާލްއަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް އެޕްރިލް 7 ގައި ކުޅުނު ފުރަތަމަ މެޗުގައި އަފްޤާނިސްތާން އާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެ އެޕްރިލް 11 ގައި ސްރީލަންކާ އާއި ވާދަކޮށް އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވިއެވެ.

މިގުރޫޕުން ކުރި ނުލިބުނީ އެޕްރިލް 9 ގައި އުތުރު ކޮރެއާ އަތުން 1 ލަނޑު 0 ލަނޑުން ބަލިވުމުންނެވެ.

މިއަހަރުގެ ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި ވޯލްޑްކަޕް ކޮލިފައި މެޗްތައް ވެސް ނޭޕާލްއިން ކުޅެފައިވެއެވެ. ފުރަތަމަ ބުރުގައި އީސްޓްޓިމޯރ އާއި އެކު ކުޅުނު 2 މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ކޮލިފައިންގެ 2 ވަނަބުރަށް ހޮވުނެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ނޭޕާލްގެ ޓީމް ޖުލައި 23 ގައި އައްމާންގައި ކުޅުނު މެޗުން 9 ލަނޑު 0 ލަނޑުން ޖޯރޑްންގެ ޓީމް މޮޅުވި ނަމަވެސް ޖުލައި 29 ގައި ކަތްމަންޑޫއަށް ދަތުރުކުރި ޖޯޑްންގެ ޓީމަށް ނޭޕާލްގެ ހިއްވަރު ދައްކާ 1 ލަނޑު 1 ލަނޑުން އެއްވަރުވިއެވެ.

ސާފް ޗެމްޕިޔަންޝިޕްއަށް ނޭޕާލްޓީމުން ވަމުންދާ ތައްޔާރީ ތަކަށް މިދިޔަ އޮކްޓޫބަރ މަހުގައި ހަރަކަތްތެރިވާން ފަށާއިފިއެވެ. މިގޮތުން ޤައުމީ ޓީމަށް އިނގިރޭސިވިލާތުގެ މޮޅުކޯޗެއް ހޯދާ ޤައުމީޓީމްގެ ފަރިތަކުރުން ތައް ފެށިއެވެ. މީގެ އިތުރަށް ޤައުމީޓީމަށް ތަޖުރިބާ ހޯދާދިނުމުގެ ގޮތުން 1 މަސްދުވަހު ދިގު ދަތުރެއް ދެކުނު އޭޝިޔާގެ ޤައުމުތަކަށް ފެށިއެވެ.

މިދަތުރުގައި 4 ޤައުމަކަށް ޒިޔާރަތްކޮށް ޤައުމީޓީމްގެ ތަމްރީންތައް ހިންގުމުގެ އިތުރަށް އެޤައުމުތަކުގެ އެކިފެންވަރުގެ ޓީމުތަކާއި އެކު ރަޙްމަތްތެރިކަމުގެ މެޗްތަކެއް ވެސް ކުޅުނެވެ.

މިގޮތުން 11 އޮކްޓޫބަރ ދުވަހު ޕިލިޕީންސްގެ ޤައުމީ ޓީމާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅެ 4 ލަނޑު 0 ލަނޑުން ނޭޕާލް ބަލިވިއެވެ. އަދި 15 އޮކްޓޫބަރ ގައި މެލޭޝިޔާގެ 23 އަހަރުން ދަށުގެ ޓީމާއި އެކު ކުޅެ 2 ލަނޑު 0 ލަނޑުން ބަލިވިއެވެ.
ކެމްބޯޑިޔާގެ 23 އަހަރުން ދަށުގެ ޓީމާއި އެކުކުޅެ ނޭޕާލް މޮޅުވީ 1 ލަނޑު 0 ލަނޑުންނެވެ. އަދި ތައިލެންޑްގައި އިތުރުމެޗްތަކެއް ކުޅުމަށް ރޭވިފައިވީނަމަވެސް އެސަރަޙައްދަށް ކުރަމުންދިޔަ ގަދަ ވިއްސާރައިގެ ސަބަބުން ނޭޕާލް ޓީމް ކަނޑައަޅާފައިވާވަރަށް މެޗްތައް ނުކުޅެވި އެނބުރި ޤައުމަށް އަންނަން ޖެހުނެވެ.

މިހާރު ސާފް ޗެމްޕިޔަންޝިޕް ފެށުމަށް 15 ވަރަކަށް ދުވަހަށް ވެފައިވާއިރު ނޭޕާލް ގެ ޤައުމީޓީމުގެ އެތެރޭން ލިބެމުންދާ ޙަބަރުތައް ބުނާގޮތުން އެޓީމްގެ ތައްޔާރީތަކުގެ ވައްޓަފާޅި މިހާރުވަނީ މުބާރާތަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަރުޙަލާއަށް ފެތޭގޮތަށް ބަދަލުކޮށްފައެވެ.

މިގޮތުން ކުރިން ދުވާލަކު 2 ފަހަރު ކުރަމުން ދިޔަ ޕްރެކްޓިސްތައް ނޮވެމްބަރު 15 އިން ފެށިގެން ދުވާލަކު 1 ފަހަރު ކުރާގޮތަށް ހަމަޖައްސާ، ނަފްސާނީ ގޮތުން ކުޅުންތެރިން ހޭނުވުމަށް ކޮންމެ ދުވަހަކު ޙާއްސަ ކުލާސްތަކެއް ބާއްވަމުން ދާނެއެވެ. ކޯޗް ބުނާގޮތުގައި އެޓީމުން ހަވީރު ބާއްވަމުންދިޔަ ޕްރެކްޓިސްތައް ހުއްޓާލާ ހެނދުނު ބާއްވާ 3 ގަޑިއިރުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި ބައެއް މުހިންމު ކުޅުންތެރިންނަށް ބޭނުންވާ ޖިމް ސެޝަންތައް ހަމަ އެއުޞޫލުން ނޮވެމްބަރު 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.

ނޭޕާލް ފުޓްބޯޅަ ޓީމްގެ އެވްރެޖް އުމުރަކީ 22 އަހަރެވެ. އަދި އެޓީމުގެ ކޯޗް ގްރަހަމް ރޮބަޓްސް އަކީ 1981 ވަނައަހަރު ނޭޕާލްގެ ޤައުމީ ކޯޗްކަން ކުރި ޖަރުމަނުވިލާތުގެ ރޫޑީ ގުތެންދޮފް އަށް ފަހު ޤައުމީޓީމާއި ހަވާލުވާ ބައިނަލް އަޤުވާމީ ތަޖުރިބާ ހުރި ހަމައެކަނި ކޯޗެވެ. އިނގިރޭސި ރައްޔިތެއް ކަމަށްވާ ގްރެހަމް ރޮބަޓްސް އަކީ އިނގިރޭސި ޤައުމީ ޓީމަށް 6 މެޗް ކުޅެ އިނގިރޭސި ލީގްގެ ޓޮޓްންހަމް އަދި ސްކޮޓްލެންޑްގެ ލީގްގެ ރޭންޖަރސް އަށް އެތައް އަހަރަކު ކުޅެ އެތައް ތައްޓެއް ހޯދާފައިވާ މީހެކެވެ.

މިމަޤާމުގެ ކުރިން ޕާކިސްތާންގެ ޤައުމީ ޓީމާއި މަދު ދުވަސްކޮޅަކަށް ހަވާލުވި ގްރަހަމް ރޮބަޓްސް ވެގެން ދާނީ ކުރިއަށް އޮތް ސާފް ޗެމްޕިޔަންޝިޕްގައި ނޭޕާލް އާއި އެކު ހިމެނޭ އެންމެ އަލިގަދަ ތަރިކަމަށެވެ.