ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 28 ޑިސެމްބަރު 2015ގައި މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފި އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ތުހުމަތުކުރީ، ޒިޔާދާ މަރުވީ އޭނާގެ ފިރިމީހާ، ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށެވެ. އެ މައްސަލައިގައި ޝާހުގެ މައްޗަށް ޕީޖީއިން ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މި އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެ ހަތަރު މައްސަލަވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވަނީ ހުކުމްކުރައްވައިފަ އެވެ. އެ ހުކުމްތައް ޕީޖީ އޮފީހުން ވަނީ މި އަހަރުގެ އޭޕްރިލް އަށް ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފަށާފައި ވަނީ މިއަދު އެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ސިއްރު ކުރީ ޕީޖީއިން އެދުމުންނެވެ. މިއަދު ނެރުނު ބަޔާނެއްގައި ޕީޖީއިން ބުނެފައި ވަނީ ހައިކޯޓުގައިވެސް އެ މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރަން ޕީޖީއިން އެދިފައިވާ ކަމަށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޝާހު ޒިޔާދާއަށް އަނިޔާ ކުރީ އެ ދެމީހުން އެކުގައި ވަކިން ދިރިއުޅެމުން ދަނިކޮށެވެ. ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށް ވެސް ދެއްކި އެވެ. އޭނާ މަރުވީ އެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.