ޝަންގްރިއްލާ ރިސޯޓު ފަރަށް އެރި ތައިލޭންޑްގެ "އެމަރަލްޑް ރީފާ" ނަމަކަށް ކިޔާ ބޯޓު ފުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެ ބޯޓުގެ ރާއްޖޭގެ އޭޖެންޓް މޯލްޑިވްސް ޓުއާސް ޕްރައިވެޓް ލިމިޓެޑަށް މިއަދުން ފެށިގެން 25 ދުވަހުގެ މުހުލަތެއްދީފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޖަލްސާ ކުރާ މާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުއް ނާސިރު މިއަދު ވިދާޅުވީ އެ އާގު ބޯޓު ފުން ކުރުމަކީ ވީހާ ވެސް އަވަހަކަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ނަމަވެސް ބޯޓު ފުން ކުރުމަށް މޯލްޑިވެސް ޓުއާސް ކުންފުނީގެ ފަރާތުން މިހާތަނަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.

"ބޯޓު ފަރަށް އެރި ހަބަރު ލިބުމުން އަޅުގަނޑުމެން ވާނީ ވީހާ ވެސް އަވަހަކަށް ބޯޓު ފުންކުރުމުގެ އިންސްޓްރަކްޝަން ދީފައި. ބޯޓުގެ ވެރިފަރާތަށް ފޯނުން ގުޅައި ބޯޓު ފުންކުރުމަށް އެ ބޭފުޅުން ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް ބަލަން. އެ ބޭފުޅުން ވިދާޅުވަނީ ބޯޓް ފުންކުރެވޭނެ ވަސީލަތެއް ރާއްޖޭގައި ނެތް ކަމަށް. މިހާރު ވެސް ބޭރުގެ ޓަގެއްގެ އެހީގައި ބޯޓު ފުންކުރުމުގެ މަސައްކަތް ކޮށްފައި ވަނީ." ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޯޓުގައި ގާތްގަނޑަކަށް 180 ޓަނުގެ ތެޔޮ ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ތެޔޮ ލީކުވެގެން ކުރިމަތިވެދާނެ އެކްސިޑެންޓަކަށް ބަލައި ބޯޓުން ތެޔޮ ހުސްކުރުމަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި މިހާރު ބޯޓު ފަރަށް އަރަން މެދުވެރިވި ސަބަބެއް ހޯދުމަށް ތަހްގީގްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.

ނާސިރުގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވާރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ފުދޭވަރެއްގެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ބޯޓު ފުންކުރުމުގެ މަސައްކަތް ކުރާ އިރު ފަރަށް އިތުރަށް ގެއްލުން ނުވާނެ ގޮތަކަށް އެކަންތައް ކުރުމަށް ބޯޓުގެ ރާއްޖޭގެ އޭޖެންޓަށް އަންގާފައިވާނެ ކަމަށެވެ. ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ އެނގޭނީ ބޯޓު ފުންކުރެވުމަށް ފަހުގައި ކަމަށާއި ސާވޭއެއް ކުރުމަށް ފަހު ބޯޓު ފަރަށް އެރުމުގައި އިހުމާލުވާ ފަރާތް ޒިންމާދާރު ކުރުވާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.