20 Oct 2019, 09:46
މިދިޔަ ހަފްތާގައި ހުޅުމާލޭގައި ލޫޓުވުމުގެ ފަސް ހާދިސާއާއި ވައްކަމުގެ ހަތް ހާދިސާ ހިނގައިގެން ބަލާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލާގައި ފުލުހުން ބެލި މައްސަލަތަކުގެ ތަފާސްހިސާބުތައް މިއަދު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުން ހުޅުމާލޭގައި އެންމެ ގިނައިން ބަލާފައި ވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެފަދަ 12 މައްސަލައެއް ފުލުހުން ބަލަން ފަށާފައިވެ އެވެ. އޭގެ އިތުރުން، ވައްކަމުގެ ހަތް މައްސަލައާއި، ފޭރުުމުގެ ފަސް މައްސަލައާއި، މަސްތުވާތަކެއްޗާ ގުޅޭ ތިން މައްސަލައެއް ވަނީ ބަލަން ފަށައިފަ އެވެ.
ހުޅުމާލޭގައި ބަލަން ފެށި މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމު ކުރި އިރު، މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބުތައްވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި 44 އެކްސިޑެންޓެއް ހިނގައި 16 މީހަކަށް އަނިޔާވެފައިވެ އެވެ. އަދި ޓްރެފިކް ފުލުހުން ވަނީ 852 ވެހިކަލް ބަލައި، އެ ހުރިހާ ވެހިކަލްތަކެއްގައި ޕާކިން ވައިލޭޝަން ސްޓިކާ ޖަހައިފައެވެ. އަދި 130 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ ޓްރެފިކް ވައިލޭޝަނަކީ ލައިސެންސާ ނުލައި ދުއްވުމެވެ. އެފަދަ 113 މައްސަލަ ފުލުހުން ވަނީ ބަލައިފައެވެ. އަދި ލައިސެންސް ކާޑާ ނުލައި ދުއްވި 62 މައްސަލައެއް ރެކޯޑުކޮށްފައިވެއެވެ.
މިދިޔަ ހަފްތާގެ އެންމެ އާންމު ޓްރެފިކް ވައިލޭޝަންތައް:
ލައިސެންސް ނެތި ދުއްވުން: 113 މައްސަލަ
- ލައިސެންސް ކާޑާ ނުލައި ދުއްވުން: 62 މައްސަލަ
- ރޯޑު ވޯދިނެސް ނަހަދައި ދުއްވުން: 49 މައްސަލަ
- ކަންފަތުގައި ހެޑްސެޓު ޖަހައިގެން ދުއްވުން: 32 މައްސަލަ
- އަހަރީ ފީ ނުދައްކައި ހުރުން: 28 މައްސަލަ
- ޓްރެފިކް ސައިންތަކާ ހިލާފަށް ދުއްވުން: 23 މައްސަލަ
- ދުއްވަން ޖެހޭ ވަރަށް ވުރެ ބާރަށް ދުއްވުން: 20 މައްސަލަ
ކޮންމެ ހަފްތާއަކުވެސް ފުލުހުން ބަލާ ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމު ކުރެއެވެ. މިދިޔަ ހަފްތާގެ ކުރީ ހަފްތާއަށް ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ހަފްތާގައި 58 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި 11 މީހަކަށް އަނިޔާވެފައިވެ އެވެ.