17 Nov 2011, 17:28
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ]ޖީއެސްޓީ[ ނެގުމުގެ ގާނޫނާއި ގަވާއިދާ ބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ]މީރާ[ އިން އާންމު ބައްދަލުވުމެއް ބާއްވައިފި އެވެ.
ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި ބޭއްވި ލެކްޗަރުގައި މައުލޫމާތު ދެއްވީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ]އޭޑީބީ[ އިން މީރާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޓެކްސް ކޮންސަލްޓަންޓް ޕްރޮފެސަރު ޑރ. ކެވިން ހޯމްސް އެވެ.
މީރާ އިން ބުނި ގޮތުގައި އެ ލެކްޗަރުގައި 250 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި އޭގެ ތެރޭގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިންގެ އިތުރުން ސުކޫލްތަކާއި ކޮލެޖްތަކުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ އަމިއްލަ ފަރުދުން ވެސް ބައިވެރިވި ކަމަށް މީރާ އިން ބުންޏެވެ.
އަދި މި މަހުގެ 20 ވަނަ ދުވަހު ޖީއެސްޓީ ބަޔާން ފުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ވޯކްޝޮޕްއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ވޯކްޝޮޕްގައި ޖީއެސްޓީ ބަޔާން ފުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ އިތުރުން ފޯމް ފުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށް މީރާ އިން ބުންޏެވެ.