19 Oct 2019, 16:34
ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރުމުގެ މަސައްކަތް މަޑު ޖައްސާލުމަށް އެރަށުގެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު އާދަމް މިއަދު ވިދާޅުވީ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ރޭގައި ބޭއްވި އަޑުއެހުމެއްގައި ކަމަށެވެ.
ނޮޅިވަރަމް ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޕޮއިންޓް ދީފައިވާ ގޮތާ ގުޅިގެން ހިތްހަމަނުޖެހުންތަކެއް ހުރެގެން މީގެ 10 ވަރަކަށް ދުވަސް ކުރިން ތިން މީހަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ކޯޓަށް މައްސަލަ ހުށަހެޅި މީހުންގެ ތެރޭގައި ގޯއްޗަށް ކުރިމަތިލީ ދެ މީހަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯޓު އަމުރުގެ ދަށުން ގޯތި ދޫކުރުން މަޑު ޖައްސާލުމަށް އަމުރުކޮށްފައިވަނީ އެތަނުން މައްސަލައަކަށް ރިއާޔަތްކޮށްފައި ކަމަށް ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޯތި ދިނުމުގައި އަމަލުކޮށްފައިވާނީ އުސޫލުތަކުގެ މަތީން ކަމަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ހުންނާނެ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައި. ގަވާއިދާ އެއްގޮތަށް އަމަލުކުރަނީ މި. އުއްމީދު ކުރަނީ އަޅުގަނޑުމެންގެ ކޮޅަށް މައްސަލަ ނިމޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ރަށުން ދޫކުރާ 75 ގޯއްޗަށް، އެރަށުގެ 280 މީހަކު ވަނީ ކުރިމަތިލާފައެވެ.
މައްސަލަ ނިމެންދެން ގޯތި ދޫކުރުން ހުއްޓުވުމަށް އަންގާފައިވާއިރު ފެށޭ ހަފްތާގެ ތެރޭގައި މައްސަލަ ނިންމާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
"މިއީ ހުރިހާ ރައްޔިތުންނާ ގުޅުންހުރި މައްސަލައަކަށް ވާތީ ވީހާވެސް އަވަހަކަށް އެ މައްސަލަ ނިންމާނެ ކަމަށް ކޯޓުން ބުނެފައިވަނީ. ބަލަނީ ބުދަ ނޫނީ ބުރާސްފައްޗަށް ވާން ވާއިރަށް ނިމޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.