19 Oct 2019, 12:46
ހަމައެކަނި އަންހެން އެސްޓްރޯނަޓުންގެ ކްރޫއެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ތާރީހުގައި ފުރަތަމަ ފަހަރަށް ސްޕޭސްވޯކް ކޮށްފިއެވެ.
ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އަށް މިއީ ތާރީހީ ކާމިޔާބެކެވެ. ހަމައެކަނި އަންހެނުން ހިމެނޭ އެ ކްރޫގައި ހިމެނެނީ ދެ އަންހެން އެސްޓްރޯނަޓުންނެވެ.
އެކްސްޕެޑިޝަން 59ގެ ދަށުން ނާސާގެ އެސްޓްރޯނަޓުން ޖެސިކާ މެއާ އާއި ކްރިސްޓީނާ ކޮޗް ވަނީ އިއްޔެ ސްޕޭސްވޯކް ކޮށްފައެވެ.
އައިއެސްއެސްގެ ބޭރުގައި ޖުމްލަ 6.5 ގަޑިއިރު ދެ އެސްޓްރޯނަޓުން ވަނީ ހޭދަކޮށްފައެވެ.

ކްރޫގައި ހިމެނޭ ޖެސިކާ މެއާ (ކ) އާއި ކްރިސްޓީނާ ކޮޗް (ވ) --- ފޮޓޯ : ނާސާ
އެ ދަތުރު ހާއްސަ ވާ ގިނަ ސަބަބުތަކެއް ވެއެވެ. އެގޮތުން އިންސާނުން ދުނިޔެއިން ބޭރަށް ދާން ފެށިފަހުން މިހާތަނަށް 227 މީހުން ވަނީ ދުނިޔެއިން ބޭރަށް ގޮސްފައެވެ. އެއިން ކޮންމެ މީހަކުވެސް ކޮންމެވެސް ޒާތެއްގެ ސްޕޭސްވޯކެއް ކޮށްފައި ވެއެވެ. މިހާތަނަށް ދުނިޔެއިން ބޭރަށް ދިޔަ އެސްޓްރޯނަޓުންގެ ތެރޭގައި ހިމެނޭ އަންހެނުންގެ އަދަދަކީ 14 އެވެ.
އެންމެ ފުރަތަމަ އަންހެނެއް ސްޕޭސްވޯކް ކޮށްފައިވަނީ 1984 ވަނަ އަހަރުގައެވެ. އެ މަގާމު ޝަރަފު ލިބިފައިވަނީ ސޯވިއެޓްގެ ކޮސްމޮނޯޓެއް ކަމަށްވާ ސްވެޓްލާނާ ސަވިޓްސްކާޔާއެވެ.
މިހާތަނަށް އަންހެނަކު ސްޕޭސްވޯކް ކޮށްފައިވާ ކޮންމެ ފަހަރަކު އެމީހަކަށް އެހީތެރިވުމަށް ފިރިހެން އެސްޓްރޯނަޓެއް ހުރެއެވެ. ޖެސިކާ އާއި ކްރިސްޓީނާ އައިއެސްއެސް އިން ބޭރުގައި ކުރި ސްޕޭސްވޯކް ހާއްސަ ވަނީ މި ސަބަބާހެދިއެވެ.
މި ސްޕޭސްވޯކް އަކީ ރީޝެޑިއުލްކޮށް ކުރިއަށް ދިޔަ ސްޕޭސްވޯކް އެކެވެ. އެގޮތުން މި ސްޕޭސްވޯކް ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައިވަނީ މިދިޔަ މާޗު މަހުގައެވެ. އެ ދަތުރުގައި ކްރިސްޓީނާ އާއެކު ހަރަކާތްތެރިވުމަށް ހަމަޖައްސާފައިވަނީ ނާސާގެ އެސްޓްރޯނަޓެއް ކަމަށްވާ އޭން މެކްލޭން އެވެ. ނަމަވެސް ސްޕޭސް ސޫޓަށް ދިމާވި މައްސަލައެއްގައި އެ ދަތުރުގައި މެކްލޭންގެ ބަދަލުގައި ފިރިހެން އެސްޓްރޯނަޓެއް ބައިވެރިވާން ޖެހުނެވެ.