މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު ގެ މައްޗަށް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމިއޮތްހާ ހިނދަކު އޭނާ އަށް މަޖިލީހަށް ހާރިޒު ނުވެވޭގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފިއެވެ.

އިސްމާއިލް އަބްދުލް ހަމީދު މެންބަރު ކަމުން ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅައި ދިނުމަށް ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ނައިސް ދެމިއޮތްހާ ހިނދަކު މަޖިލީހަށް ހާޒިރުވެވަޑައި ނުގަނެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް އިލްތިމާސްކުރުމުގެ ހައްގު ހަމީދަށް އަދި ގެއްލިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައެޅޭނެ ޖާގަ ނެތްކަމަށް ވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިލްތިމާސްގެ މަރުހަލާގައި ހައިކޯޓުގެ ހުކުމަށް ބަދަލު އައުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު ކުރީގެ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގަތް ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ. އަދި އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.