17 Nov 2011, 16:54
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އެމްއެންބީސީގެ ނޫސްވެރިއަކަށް ހަމަލާދިން ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސެޕްޓެންބަރު 31، 2011 ވަނަ ދުވަހުގެ ރޭ ގައުމީ ސަލާމަތުގެ ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ފަހު ކޮމެޓީން ބޭރުގައި ހިނގި ޒުވާބެއްގައި އެމްއެންބީސީގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ހައިދަރު އިބްރާހިމަށް ހަމަލާ ދިން ކަމަށް އެމްއެންބީސީން ތުހުމަތު ކުރެ އެވެ. އަދި ހައިދަރަށް ހަމަލާދިން މަންޒަރު މަޖިލީހުގެ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްއެންބީސީގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓާ އާދަމް ޝަރީފު މިއަދު ވިދާޅުވީ ހައިދަރަށް ހަމަލާދިން މަންޒަރު މަޖިލީހުގެ ސީސީޓީވީ ކެމެރާތަކަށް އަރާނެ ކަމަށް ހައިދަރު ބުނާތީވެ ފުލުހުންނަށް ހުށަހެޅި މައްސަލާގައި އެކަން ބެލުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"ހައިދަރު އެބަބުނޭ އޭނާ ގައިގައި މަހުލޫފު ޖެހި ކަމަށް. ނަމަވެސް މަހުލޫފު އެކަން ދޮގު ކުރޭ. ދެން އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް މިއަދު ހުށަހަޅައިފައި ވާނީ. މަޖިލީހުގެ ސީސީޓީވީ ކެމެރާތަކަށް ވެސް އެ މަންޒަރު އަރާފަވާނެ ކަމަށް ހައިދަރު ބުނޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ. އެނާ ވިދާޅުވީ އެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
މަހުލޫފު މިއަދު ވިދާޅުވީ އެމްއެންބީސީގެ ނޫސްވެރިއަކަށް ހަމަލާދީފައި ނުވާނެ ކަމަށާއި އެމްއެންބީސީން ފަތުރަމުންދާ އެފަދަ ވާހަކަތަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. މަހުލޫފު މިއަދު ވަނީ އެކަމާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.
އޭނާ ވިދާޅުވީ އެމްއެންބީސީގެ ނޫސްވެރިއަކަށް ހަމަލާދިން ކަމަށް ބުނެ، މައްސަލަ ތަހުގީގު ކުރުމަށް ހުށައަޅާފައިވަނީ ހަގީގަތާ ހިލާފަށްކަމަށާއި އެ މައްސަލަ ހުށައަޅާފައިވަނީ ސިޔާސީ ބޭނުމެއްގައި އެމްއެންބީސީއަށް ސަރުކާރުން ފިއްތުންތަކެއް ކުރިމަތި ކޮށްގެންނެވެ.
މަޖިލިހުގެ ސަލާމަތީ ކޮމިޓީގެ ޖަލްސާއެއްގައި އެމްއެންބީސީގެ ރިޕޯޓަރަކާ ދިމާލަށް އެމްއެންބީސީން ގެންނަ ހަބަރުތަކާއި ގުޅޭގޮތުންނާއި އަދި މަޖިލިސްގެ ކޮމިޓީ ޖަލްސާ ލައިވް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"އެކަހަލަ ފިނޑި އަމަލް ހިންގާނެ މީހެއްނޫން އަޅުގަނޑަކީ އެތާނގައި ވަރަށް ގިނަ ނޫސްވެރިންވެސް ތިބި އަދި ސީސީޓީވީ ތަކުން ވެސް ފެންނަން ހުންނާނެ އަޅުގަނޑު އެނާގެ ގައިގައި ޖެހިނަމަ އެ މަންޒަރު. އެއީ އަޅުގަނޑު ގެ އަގުވައްޓާލަން ކުރިކަމެއް މިކަމުގައި އަޅުގަނޑަށް ތުހުމަތުކޮށްފައިވާ ކަންތަށް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފް އަދި ވިދާޅުވީ އޭނަ މިހާރު 13 ފަހަރު ފުލުހުސް އޮފީހަށް ހާޒިރުކުރިކަމަށާއި ފުލުސް އޮފީހަށް ދާން ޖެހިލުންނުވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގްކުރުން އެއީ އޭނާ އެދިވަޑައިގަންނަވާ ގޮތްކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖީލިހުގެ މެންބަރު އަބްދުﷲ ޔާމީން ކޮމެޓީ އަށް ހާޒިރު ކުރުމަށް ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ކުއްލި ބައްދަލުވުން ނިމުނު ވަގުތު ކޮމެޓީގެ ބޭރުގައި އެމްއެންބީސީގެ ނޫސްވެރިޔާ ހައިދަރާއި މަހުލޫފާ ދެމެދު ޒުވާބެއް ކުރިތަން ސަންގެ ނޫސްވެރިންނަށް އެ ދުވަހު ފެނިފައިވެ އެވެ. އަދި ހައިދަރު ކޮށްޕާލިތަން އެތަނުގައި ތިބި އެހެން ނޫސްވެރިންނަށް ވެސް ފެނުނު ކަމަށް ބައެއް މީހުން ބުންޏެވެ. އަދި އެ ދުވަހު އެ ދެ މީހުން ޒުވާބު ކުރަމުން ދަނިކޮށް ދުރުކުރީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި ސަންގެ ފޮޓޯ ގްރާފަރު އަލީ ނަސީރު އެވެ.
އެމްއެންބީސީން ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: