19 Oct 2019, 00:21
(ގއ. ވިލިނގިލިން): ހަތްދިހަ ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމާއެކު ގއ. އަތޮޅުގެ ވޮލީ މުބާރާތް "އުތުރު ހުވަދޫ" ނަމުގައި މިރޭ ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ކުރިއަށްދާ މި މުބާރާތް މިފަހަރު ބާއްވަނީ ގއ. އަތޮޅުގެ ވެރި ރަށް ވިލިނގިލީގައެވެ.
މިރޭ ވިލިނގިލީ ޔޫތު ސެންޓަރުގައި އޮތް މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ދާވޫދު އިބްރާޙިމް އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ތެރެއިން: ޝަރަފުވެރިކޮށްދެއްވި ދާވޫދު އިބްރާޙިމް ކުޅުންތެރިންނާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ
މުބާރާތާ ގުޅޭ ގޮތުން "ސަން" އަށް މައުލޫމަތު ދެއްވަމުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވީ، މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މީގެ ކުރިން ބާއްވަމުން އައި މުބާރާތެއް ކަމަށާއި ނަމަވެސް މިފަހަރު މި މުބާރާތް މި ފެށީ ދެ އަހަރު ދުވަހުގެ މެދުކެޑުމަކަށް ފަހު، އާ ނަމެއްގައި މުބާރާތް ރީބްރޭންޑް ކުރުމަށްފަހު ކަމަށެވެ.
"ކައުންސިލް ސަސްޕެންޑް ކުރުމާއި ހުރި ދަތިތަކާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ނުބޭއްވުނު،" ފުއާދު ވިދާޅުވިއެވެ.

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ފުއާދު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ
ފުއާދު ވިދާޅުވީ، އަންހެން ފިރިހެން ޑިވިޝަންއަށް ބަހަލައިގެން ކުރިއަށްދާ މި މުބާރާތުގައި އަތޮޅުގެ ފަސް ރަށުން ބައިވެރިވި ކަމަށެވެ.
"ފިރިހެން ޑިވިޝަން އިން ބައިވެރިވީ، ވިލިނގިލި، ނިލަންދޫ އަދި ދާންދޫ. އަންހެން ޑިވިޝަން އިން ބައިވެރިވީ ވިލިނގިލި، ނިލަންދޫ، ގެމަނަފުށި އަދި ކޮލަމާފުށީ،" ފުއާދު ވިދާޅުވިއެވެ.
ފިރިހެން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 12،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ ކަމަށެވެ.
މި މުބާރާތުގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ނިލަންދޫއިން ވަނީ ސީދާ ތިން ސެޓުން ވިލިނގިލި ބަލިކޮށްފައެވެ.