17 Jun 2010, 14:20
19:00
މުބާރާތުގެ ފުރަތަމަ ހެޓްރިކާ އެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ. މިއަދު ހަވީރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭ ގަޑިން 4.30 ގައި ސައުތު ކޮރެޔާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗް ހަތަރު ލަނޑު އެއްލަނޑުން ކުރި ހޯދާފައި ވަނީ ލަލީގާގައި ރެއާލްމެޑްރިޑަށް ކުޅެމުން އަންނަ ހިގުއިން ގެ ތިން ލަނޑާއެކު އެވެ. އާޖެންޓީނާ މިމެޗްގައި ކާމިޔާބު ކުރި ހަތަރު ލަނޑުގައި ވެސް މެސީގެ ހިއްސާ ބޮޑުކަން ފާހަގަކުރެވެ އެވެ.
އާޖެންޓީނާގެ ފުރަތަމަ ލަނޑަކީ ލިބުނު ކޯނަރެއްގައި މެސީ ފޮނުވާލި ބޯޅައެއްގައި އާޖެންޓީނާގެ ދެ ނަންބަރު ޑެމިޝެލްސް ގޯލަށް ފޮނުވާލި ބޯޅަ ކޮރެޔާގެ ޗުން ޔޮންގް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ގޯލެކެވެ. އާޖެންޓީނާއިން ދެން ޖެހި ތިން ލަނޑަކީ ވެސް ރެއާލްމެޑްރިޑްގެ ޒުވާން ފޯވަޑް ފްރާންސްއަށް އުފަން ހިގުއީން ކާމިޔާބުކޮށް ދިން ގޯލްތަކެކެވެ. މިލަނޑުތަކާއެކު ހިގުއިން މިހާރު ވަނީ ތިން ގޯލާއެކު ޓޮޕް ސްކޯރާގެ މަގާމުގަ އެވެ.
މިމެޗްގައި އާޖެންޓީނާގެ މޮޅުކުޅުން ރޫޅާލުމަށްޓަކައި ސައުތު ކޮރެޔާ ޓީމުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ.
މިއަދު މާލޭގަޑިން 7.00 ޖެހިއިރު ނައިޖީރިޔާ އާއި ގްރީސް ބައްދަލަކުރަމުން ދާ މެޗުން ބަލިވާ ޓީމެއް ވެގެންދާނީ މިފަހަރުގެ ވޯލްޑްކަޕުން ފުރަތަމަ އަލްވަދާއު ކިޔާ ޤަޢުމަށެވެ.
މިއަދު ދެން އެންމެ ފޯރިގަދަ މެޗަކަށް ވެގެން ދާނީ ފްރާންސާ އާއި މެކްސިކޯ މާލޭ ގަޑިން 11.30 ގައި ބައްދަލުކުރާ މެޗެވެ. ފްރާންސް މިމެޗުން މޮޅުވުމަށް ކުރިމަތިލާއިރު ޓީމު ތެރޭގައި ތަފާތު ޚިޔާލު ތަފާތުވުން އުފެދިފައިވާކަން މީޑިއާގައި ވަނީ ފެތުރިފަ އެވެ. ފްރާންސްގެ ކޯޗް ރޯމަން ޑޮމިނިޗް ގެންގުޅޭ ރޭވުންތެރި ކަމަށް ކުރީގެ ފްރާންސްގެ ތަރި މިޝެލް ޕްލެޓިނީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މިރޭ ފްރާންސްގެ ޑިފެންސަށް މެކްސިކޯއިން ބާރު ބޮޑުކުމަށް ނެރޭނެ ދެ ކުޅުންތެރިންނަކީ މިދިޔަ ސައުތު އެފްރިކާ މެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑި ސަންޓޯ އާއި އާސެނަލްގެ ތަރި ވޭލާ އެވެ. މިރޭ މެކްސިކޯ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުންނާނީ ސައުތު އެފްރިކާ އާއި ބައްދަލުކުރި މެޗުގައި ލަނޑު ކާމިޔާބްކޮށް ދިން ބާސެލޯނާގެ ޑިފެންޑަރ ރަފެއަލް މާކޮއެސެވެ. މެކްސިކޯ ވަނީ އެކުވެރިކަމުގެ މެޗެއްގައި ދުނިޔޭގެ ޗެމްޕިއަން އިޓަލީ ތިނެއް އެކަކުން ބަލިކޮށްފަ އެވެ.