18 Oct 2019, 20:52
ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައި ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރު މިއަދު ފުރައިފިއެވެ.
އެ ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިން ބުނީ ރާއްޖެ ޒިޔާރަތްކުރި ދެ މަނަވަރަކީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" ކަމަށެވެ.
މި ދެމަނަވަރު ރާއްޖެއަށް ކުރި ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީން ތަކެއް ހިންގާނެ ކަމަށާއި އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔާ ފައިޓިންގެ އިތުރުން ޑެމޭޖް ކޮންޓްރޯލް އާއި ނޭވަލް ޑްރިލްސްތައް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފް އިން ކުރިން ވަނީ ބުނެފައެވެ.
ރާއްޖެ އައި ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިން އަށް ބޭނުންކުރާ މަނަވަރެކެވެ.