ޤާހިރާ (ނޮވެމްބަރ 17) : ގިނަ ޕާޓީތަކެއްގެ މައްޗަށް އެކުލެވޭގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ މިނިވަން ރިޔާސީ އިންތިޚާބު މިހިނގާ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ފެށޭނެ ކަމަށް މިސްރުގެ އިންތިޚާބުތަކާބެހޭ ކޮމިޓިން ބުނެފިއެވެ.

އަލްއަހްރާމް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މިސްރުގެ އިންތިޚާބުތަކާބެހޭ އެންމެމަތީ ކޮމިޓީގެ ވެރިޔާ ޢަބްދުލްމުޢިއްޒު އިބްރާހީމް ވިދާޅުވީ މިސްރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ކަންތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި ކަނަޑައެޅިފައިވާ ތާރީޚަށް ހުރިހާ ތައްޔާރީތަކެއް ނިމޭނެ ކަމުގައެވެ. މިއިންތިޚާބަށް ތައްޔާރުވުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުޤައުމުތަކުގައި ދިރިއުޅޭ މިސްރު ރައްޔިތުންނަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި ވަރަށް ގިނަ ޤައުމުތަކުގައި މިސްރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުފޮށިތައް ބެހެއްޓުމުގެ އިންތިޒާމްތައް އެޤައުމުތަކުގައި ހުންނަ މިސްރުގެ އެންބަސީތައް މެދުވެރިކޮށްގެން ކުރިޔަށްގެންދާކަން އިބްރާހީމް ހާމަކުރެއްވިއެވެ.

ނޮވެމްބަރ 28 ގައި ބާއްވާ މިސްރުގެ ރިޔާސީ އިންތިޚާބަކީ އެޤައުމުގެ ތަރީޚުގައިވެސް ބޭއްވޭ އެންމެ ފުރަތަމަ މިނިވަން އިންތިޚާބެވެ. މިއިންތިޚާބަށް މަގުފަހިވެގެން ދިޔައީ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ އިސްތިބްދާދީ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި މިދިޔަ ޖަނަވަރީމަހު ވެއްޓުމާއެކު މިސްރުގެ ޤާނޫނު އަސާސީއަށް އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެނަސްގެންނެވެ. މިސްރުގެ ރައްޔިތުންވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުންއިސްލާހް ކުރެވުނު ޤާނޫނު އަސާސީ ބަލައިގެންފައެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީތަކުގެ ކެންޑިޑޭޓުންގެ އިތުރުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައިވެސްގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އެންމެ ބޮޑީ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓުންނަށްކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވެއެވެ. (އަލްއަހްރާމް)