17 Nov 2011, 15:41
ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ނުބޭއްވުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.
ތުޅާދޫ ކައުންސިލުން ވަކި ކޮށްފައިވާ އުމައިރާ އަބޫބަކުރު ތުޅާދޫ ބައި އިލެކްޝަން ހުއްޓުވައި ދިނުމަށް އެދި ކުރެއްވެވި ދައުވާގެ ޝަރީއަތުގައި މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނަނީ ހައިކޯޓުން ފައިސަލަކާ ކުރުވަނި ހުކުމެއް ކުރަންދެން، ތުޅާދޫ ބައި އިލެކްޝަން ބޭއްވުން ހުއްޓައިލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގުވި އަމުރުގައި ބުނެފައި ވަނީ ތުޅާދޫ ބައި އިލެކްޝަން ބާއްވައިފި ނަމަ ދައުވާކުރި އުމައިރާއަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށެވެ.
މި އަމުރު ނެރުނު އިރު އަންނަ ހޮނިހިރު ދުވަހު ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށް ތައްޔާރީތައް ވެފައެވެ.
މިއަދު ބޭއްވި މި މައްސަލައިގެ އަޑު އެހުމުގައި އުމެއިރާގެ ވަކީލު ވިދާޅުވީ ބ. އަތޮޅު ކައުންސިލްގެ ރައީސް ސޮއިކުރައްވައި 23 މެއި 2011ގައި ފޮނުވި ފެކްސް މެސެޖެއްގައި ބަނޑޮހުގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަކަށް އުމެއިރާ ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާކަމަށެވެ. އަދި އެ ފެކްސް މެސެޖް އުމެއިރާއަށް ރައްދުކުރެއްވީ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ކަމަށް ވެސް އުމެއިރާގެ ވަކީލު ވިދާޅުވިއެވެ. ވިދާޅުވީ އެ މެސެޖު އުމެއިރާއާއި ހަވާލުކުރުމަށްފަހު "ބަނދަރުގެ މައްސަލަ ވެސް ބޮޑު" ކަމަށާއި އެހެންނަމަވެސް ވަޑައިގަންނަވަންޖެހޭ ތަނަކަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އެ މެސެޖު އުމެއިރާއާއި ހަވާލުކުރެއްވުމަށްފަހު ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ބަނދަރުގެ މައްސަލަވެސް ބޮޑޭ. އެހެންނަމަވެސް ދާންޖެހޭތަނަކަށް ދާންޖެހޭނޭ ރަޝީދު މިހެން ވިދާޅުވި އަޑު ތުޅާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ވެސް އިވިވަޑައިގަންނަވާނެ،" ވަކީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުމެއިރާ ރަށުން ބޭރަށް ފޮނުވައިލެއްވީ ކައުންސިލްގެ ރައީސް ރާވައިގެން އުމެއިރާ ކައުންސިލު މެންބަރުކަމުން ވަކިކުރުމަށް ކަމަށެވެ. އަދި އުމެއިރާ ރަށުން ފޮނުވާލުމަށްފަހު ބޭއްވި ޖަލްސާތަކަކީ ގަވާއިދާއި ޚިލާފަށް ބޭއްވި ޖަލްސާތަކެއްކަމަށެވެ.
އުމެއިރާގެ ވަކީލު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން ބާއްވަން އިއުލާންކުރީ އުމެއިރާގެ އެއްވެސް ބަހެއް ނުހޯދާ ކަމަށެވެ. އަދި ވިދާޅުވީ ނޯޓިސް ލިބިފައިވާ ހުރިހާ ޖަލްސާތަކަށް އުމެއިރާ ހާޒިރުވެވަޑައިގެންފައިވާ ކަމަށެވެ.
" ކައުންސިލްގެ ރައީސް ރާވައިގެން އުމެއިރާ ރަށުން ފޮނުވާލުމަށްފަހު ބޭއްވި ޖަލްސާތައް ބޭއްވީ. އެ ޖަލްސާތައް ބާއްވާފައިވަނީ ގާނޫނާއި ޚިލާފަށް،" ވަކީލު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވިދާޅުވީ އުމެއިރާ ބަނޑޮހަށް ވަޑައިގަތް ވަޑައިގަތުމަކީ ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގަނެވޭނެ ފަދަ މަގުބޫލު އުޒުރެއް ނޫންކަމަށް ތުޅާދޫ ކައުންސިލުން އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކުން އެނގެން އޮތްކަމަށެވެ. ބަނޑޮހަށް ވަޑައިގަތީ ލިޔުމުން ރަސްމީކޮށް ތުޅާދޫ ކައުންސިލަށް އެންގުމަކާއި ނުލާކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އުމެއިރާ ބަނޑޮހަށް ވަޑައިގެންފައިވަނީ ކައުންސިލްގެ ހުއްދަ ލިބިގެންކަން އެނގޭނެ އެއްވެސް ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ. އަދި ވިދާޅުވީ އުމެއިރާ ކައުންސިލްގެ މެންބަރުކަމުން ވަކިކޮށްފައިވާ ތާރީޚު އެ ކޮމިޝަނުން ބަލާފައި ނުވަނީ ކައުންސިލަރުން މެންބަރުކަމުން ވަކިކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމަށް ނުވާތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ތޮލާލް ވެސް ޝަރީއަތުގައި ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ އެ ކޮމިޝަނުން ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކޮށްފައިވަނީ ތުޅާދޫ ކައުންސިލުން ފޮނުވާފައިވާ ލިޔުންތަކާއި، ހައިކޯޓުން އުމެއިރާގެ މައްސަލައިގައި ކުރިން ކޮށްފައިވާ ހުކުމުގައި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ބެލުމަށްފަހު ކަމަށެވެ.