17 Oct 2019, 16:35
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް 100 އެނދުގެ އާ އިމާރާތެއް އަޅަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ އިމާރާތުގެ ކުރެހުންތައް ހުށަހެޅުމަށް އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.
އާ އިމާރާތް ހަދަނީ މިހާރު އެ ރީޖަނަލް ހޮސްޕިޓަލް ގެ ހިންގާ ގޯތިތެރޭ ނުވަތަ އާބިމެއްގައިތޯ އަދި ނުނިންމާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އާ އިމާރާތާއެކު ހޮސްޕިޓަލުން ދޭ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލެއް މަތީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެތަނުން އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ވެގެންދާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 30 ޑޮކްޓަރުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި 24 ސްޕެޝަލިސްޓުންވެސް ހިމެނެ އެވެ. ސްޕެޝަލިސްޓުންގެ ތެރޭގައި ކަށީގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި. ކާޑިއޮލޮޖިސްޓުންނާއި، އީއެންޓީގެ އިތުރުން ލޮލާއި ހަމުގެ ޑޮކްޓަރުން ހިމެނެ އެވެ. އެ ހޮސްޕިޓަލްގައި މިދިޔަ ޖުލައި މަހުން ފެށިގެން ސީޓީ ސްކޭންގެ ހިދުމަތްވެސް ދަނީ ދެމުންނެވެ.