17 Oct 2019, 16:12
އުމުރާވެރިންތަކެއް ގޮވައިގެން މަދީނާ ކައިރިން ދަތުރުކުރަމުން ދަނިކޮށް ރޭ އެކްސިޑެންޓުވި ބަހުގައި އެއްވެސް ދިވެހި އުމްރާވެރިޔަކު ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން "ސަން" އަށް ބުނީ އެ ބަހުގައި އެއްވެސް ދިވެހި އުމްރާވެރިޔަކު ދަތުރުނުކުރާ ކަމަށާއި، އެ ބަހާ ދިވެހީންނާ ގުޅުން ނެތް ކަމަށެވެ.
އަދި އުމްރާވުމަށް ގޮސް ތިބި ހުރިހާ ދިވެހީންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސައުދީ އަރަބިއްޔާގެ ނޫސް އެޖެންސީތަކުން ބުނި ގޮތުގައި، އުމްރާއަށް ގޮސް ތިބި ބޭރުގެ ބަޔަކު ގޮވައިގެން ދަތުރުކުރި އެ ބަސް އެކްސިޑެންޓްވީ މަދީނާގެ 170 ކިލޯ މީޓަރު ދުރުގައި އޮންނަ "ހިޖުރަ" ކިޔާ މަގެއްގަ އެވެ. ސައުދީ ގަޑިން ރޭ 7:00 އެހާކަން ހާއިރު ހިނގި އެ ހާދިސާގައި އެ ބަސް ގޮސް ޖެހިފައި ވަނީ، އެކްސްކަވޭޓަރެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ އެކްސިޑެންޓްގައި ބަހުގައި ތިބި 39 އުމްރާވެރިންގެ ތެރެއިން 35 މީހަކު ނިޔާވެފައިވާ ކަމަށް ވެސް ސައުދީގެ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ބުނެއެވެ. އަދި ސަލާމަތްވި މީހުންނަށް ވެސް އެކިވަރުގެ ޒަހަމްތަކާއި އަނިޔާތައް ވެފައިވާ ކަމަށް ވެއެވެ.
ނިޔާވެފައިވާ އެންމެންނަކީ ވެސް އުމްރާވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ގޮސް ތިބި ބޭރު ގައުމުތަކުގެ މީހުން އެވެ.
އެ ބަހުގައި އެ ވަގުތު ތިބީ އޭޝިޔާ އާއި އަރަބި ބައެއް ގައުމުތަކަށް ނިސްބަތްވާ އުމްރާވެރިން ކަމަށް ސައުދީގެ ނޫސް އެޖެންސީތަކުން ވަނީ ބުނެފައެވެ.