17 Nov 2011, 15:05
އިންޑިއާގެ ޖީއެމްއާރު ކުންފުނިން ހިންގާ، އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނެގުމަށް ޖީއެމްއާރުން ނިންމައިފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ނެގުން ހަ މަސް ފަސްކުރުމަށް، އެއާލައިންތައް ތަމްސީލްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން އެދިފައިވަނިކޮށް އަންނަ ޖެނުއަރީން ފެށިގެން އެ ޗާޖް ނެގުމަށް ޖީއެމްއާރުން ނިންމައިފި އެވެ.
އިންޑިއާގެ ޖީއެމްއާރުގެ މީޑިޔާ ކޯޑިނޭޓަރު މަހީކާ ޗަންދުރަސޭނާ ވެސް މިއަދު ވިދާޅުވީ އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އޭޑީސީގެ ގޮތުގައި 25 ޑޮލަރު (ރަސްމީ ރޭޓުން 385ރ.)، މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ނަގާނެ ކަމަށެވެ.
މަހީކާ ވިދާޅުވީ ފައިސާ ނަގާނީ ފުރަން މީހުން ދިއުމުން ޗެކިން ކައުންޓަރުން ކަމަށާއި ކޭޝްކޮށް، އަދި ކްރަޑިޓް، ޑެބިޓް ކާޑުން ވެސް ފައިސާ ބަލައިގަންނާނެ ކަމަށެވެ.
އޭޑީސީ ނެގުމުގެ ކަންތައްތައް ޖީއެމްއާރުން ކުރަން ނިންމި ނަމަވެސް މި އަހަރުގެ މޭ މަހުގެ ތެރޭގައި އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހެރިސަން އެއާލައިންތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޭޑީސީ ނަގަން ޖެހޭނީ "އެއާލައިންތަކުން ޓިކެޓު ވިއްކާ އިރު އެ އަގުގެ ތެރޭގައި ހިމަނައިގެން" ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ "އެ ފައިސާ ފަސިންޖަރުންގެ އަތުން ނެގުމާއި އަދި ޖީއެމްއާރަށް ދެއްކުމުގެ ހުރިހާ ޒިންމާ އަދާކުރާނީ އެއާލައިންތަކުން" ކަމަށެވެ.
އެ ނޯޓަށް ހަ މަސްވެފައިވާ އިރު ވެސް އަޔާޓާ އިން މިހާތަނަށް އޭޑީސީގެ ކޯޑް ދޫކޮށްފައި ނުވާކަން ޖީއެމްއާރުން ވެސް އަދި އެއާލައިންތަކުން ވެސް ކަށަވަރުކޮށްދެ އެވެ.
ބައެއް އެއާލައިންތަކުން ސަންއާ ވާހަކަ ދެއްކި އިސް އޮފިޝަލުން މިއަދު ވިދާޅުވީ އޭޑީސީ ނެގުމަށް އަޔާޓާ އިން ކޯޑް ދީފައިނުވަނީ ނުވަތަ އެއާލައިންތަކަށް ހުއްދަ ދޫކޮށްފައި ނުވަނީ އަޔާޓާގެ މިންގަނޑަށް އެއާޕޯޓް ތަރައްގީވެފައި ނުވާތީ އެއާލައިންތަކުން ދަތުރުކުރާ މީހުންގެ ހިތްހަމަނުޖެހުންތަކެއް އައިސްފާނެތީ ކަމަށެވެ.
މީގެ ދެ ދުވަސްކުރިން އަޔާޓާގެ މެންބަރުންނާ އެކު ޖީއެމްއާރުން މަޝްވަރާތަކެއް ބޭއްވިކަން ސަން އަށް ވަނީ އެނގިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އަޔާޓާގެ މިންގަނޑަށް އެއާޕޯޓް ފެއްތުމަށް އިތުރު ހަ މަސް ދުވަސް ޖީއެމްއާރަށް މިހާރު ދީފައިވާ ކަމަށެވެ. އަދި އޭޑީސީ ނަގަން އެއާލައިންތަކަށް ހުއްދަ ލިބޭނީ އަންނަ އަހަރުގެ ޖުލައި އެކަކުން ފެށިގެންނެވެ.
އެއާޕޯޓުން ފުރާ ދެ އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުން، އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން 25 ޑޮލަރު ޖީއެމްއާރަށް ނެގުމުގެ ބާރު، ސަރުކާރާއި އިންޑިއާގެ ވިޔަފާރި ކުންފުންނި، ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބި އެވެ.
ދިވެހިންނާއި ރާއްޖޭގައި ވިސާ ލިބިގެން މަސައްކަތްކުރާ މީހުން ނޫން އެހެން އެންމެން އެ ފީ ދައްކަން ޖެހޭނީ ޑޮލަރުންނެވެ. އަދި ޓްރާންސިޓް ކުރާ މީހުންގެ ތެރެއިން ވެސް ހަ ގަޑިއިރަށް ވުރެ ގިނައިރުވާ ފަސިންޖަރުން ވެސް އެ ފައިސާ ޖީއެމްއާރަށް ދައްކަން ޖެހެ އެވެ.