ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ފުށުއަރާ މޮނިއުމަންޓްތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ދީނާ ފުށުއަރާ ތަކެތި ނެގުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެންގުމަށް ސިޓީތަކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އެ ސިޓީތައް ބޭރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެކަމާ ބެހޭ ސިޓީތައް ތައްޔާރުކޮށްފިން. އަދިއެއް އެ ސިޓީތަކެއް ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް ނުފޮނުވަން،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ސިޓީތައް ފޮނުވަނީ ކޮންކޮން ތަންތަނަކަށް ކަމެއް އަދި ކޮންވަގުތެއްގައި ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ މިއަދު ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލުމާތު ދެއްވަމުން ވިދާޅުވީ އިސްލާމްދީނާ ފުށުއަރާ، އަދި އެހެން ދީންތައް ރަމްޒުކޮށްދޭ ގޮތަށް ހުރި މޮނިއުމަންޓްތައް ނަގަން އެންގީ ރައީސް އޮފީހަށާއި ފޮރިން މިނިސްޓްރީ އަށް ކަމަށެވެ. އަދި އައްޑޫ ކައުންސިލް އިދާރާ އަށް އަންގަވާނެ ކަމަށް މަޖީދުވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރަށް މޮނިއުމެންޓްތައް ނެގުމާ ގުޅޭ ގޮތުން ޕާކިސްތާނު ހައިކޮމިޝަނާ ވެސް ވާހަކަ ދެއްކެވި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސާކް ސަމިޓާއި ގުޅޭ ގޮތުން އައްޑޫގައި ބަހައްޓަފއިވާ މޮނިއުމެންޓްކުގެތެރެއިން ޕާކިސްތާނުގެ މޮނިއުމެންޓް ވަނީ އައްޑޫ ސިޓީގެ ބައެއްފަރާތްތަކުން ނުރުހުން ފާޅުކުރުމުގެ ގޮތުން އަލިފާން ރޯކޮށްލުމަށް ފަހު އެ މޮނިއުމެންޓުގެ އެއްބައި ވަގަށް ވެސް ނަގާފަ އެވެ. މީގެ އިތުރުން މަރަދު އަށް އަރާ ސަރަހައްދުގައި ހުރި ލަންކާގެ މޮނިއުމަންޓަށް ބަޔަކު ވަނީ ބުދަ ދުވަހު ކަޅުތެޔޮ ޖަހައިފަ އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަ ވަނަ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ފެތުރުން ނުވަތަ އެހެން ދީނަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް، ދިވެހިރާއްޖޭގެ އެއްވެސް މުޖުތަމައެއްގައި އާންމުކޮށްގެން ގެންގުޅުމާއި އެ އެއްޗެއްގެ މައްޗަށް މީސްތަކުންގެ ޝައުގުވެރި ކުރުވުމަށް މަސައްކަތް ކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.