ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫ ޖަހާމީހުންނަށް ލައުނަތް ލެއްވިގެންވާ ކަމަށް ފުރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

އުގައިލް އިއްޔެ ފޭސްބުކްގައި އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ދިވެހި ފަސްގަނޑުން އިސްލާމްދީން ފުހެނުލެވޭނެ ކަަމަށެވެ.

"އެ ދީނުގެ ހިދާޔަތުގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެ. އިސްލާމް ދީނަށާއި މާތް ރަސޫލާ އަށް ހަޖޫ ޖަހާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި" އުގައިލް ވިދާޅުވި އެވެ.

އުގައިލް އެފަދައިން ވިދާޅުވިއިރު ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ވަނީ ކީރިތި ރަސޫލާއަށް ކުޑައިމީސް ރައްދުވާ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް އާންމުކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އެ ރިޕޯޓަށް ފާޑުކިޔައި އެޖަމިއްޔާއާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައްވައިފަ އެވެ.

އެމްޑީއެން މިހާރު ވަނީ ސަސްޕެންޑްވެސްކޮށްފަ އެވެ.

އެމްޑީއެންގެ ރިޕޯޓްގައި ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށްވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވެ އެވެ. އޭގެ އިތުރުން ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ދޭހަވާގޮތަށްވެސް އެ ރިޕޯޓްގައި ލިޔެފައިވެ އެވެ.

އެ ރިޕޯޓްގެ މައްސަލަ ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ކުށްވެރިކުރަމުން އެވެ.