މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށް ފަހު ގާތްގަނޑަކަށް ދޮޅުމަސް ދުވަހުގެ ޗުއްޓީއަކަށް ސްކޫލުތައް ބަންދުކުރުމާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ފަށައިފި އެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނާއި ސްކޫލުތަކުގެ ފަހު ޓާމްގެ ޓެސްޓް ދިމާވާތީ ބައެއް ސްކޫލުތަކުން ޓެސްޓް އަވަސްކުރި ނަމަވެސް އެ ހުރިހާ ސްކޫލުތަކުން ވެސް މިއަދު ވަނީ ރިޕޯޓު ފޮތް ދީފައެވެ.

ސްކޫލްތައް މިއަދު ބަންދުކުރިޔަސް މައްސަލަ ޖެހިގެން ފަސްކުރި އެސް އެސްސީ އިމްތިހާނުގެ ދިވެހި ޓެސްޓް އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާނެ އެވެ. ދިވެހި ޓެސްޓް ބޭއްވުމުން އޯލެވެލްގެ ހުރިހާ ޓެސްޓެއް ނިމުނީ އެވެ.

ރާއްޖޭގެ އަތޮޅުތަކުގެ 207 ސްކޫލަކާއި މާލޭގެ 21 ސްކޫލަކުން 70،000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމް ހާސިލްކުރި އެވެ. އަދި 10،000 ވުރެ ގިނަ ދަރިވަރުން ޖީސީއީ އޯލެވެލްއާއި އެސްއެސްސީ އިމްތިހާނު ހެދި އެވެ.
އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ އަށް ވަނަދުވަހު އެވެ.