17 Oct 2019, 10:24
ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްއާ ގުޅޭ ފެސްޓިވަލްއެއް " ސްޓެމް ފެސްޓިވަލް" ގެ ނަމުގައި އަންނަ މަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
އަންހެނުން ޓެކްނޮލޮޖީ ދާއިރާއަށް އަހުލުވެރިކޮށް ބާރުވެރިކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާ "ވިމެން އިން ޓެކް މޯލްޑިވްސްް" އިން ކުރިއަށް ގެންދާ އެ ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހު އަށަކުން ނުވަޔަކަށެވެ.
މިއީ މިފަދަ ގޮތަކަށް އެ ދާއިރާތަކުގެ ހިދުމަތްދޭ ފަރާތްތަކާއި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފެސްޓިވަލް އެވެ.
ވިމެން އިން ޓެކްއިން ބުނީ އެ ފެސްޓިވަލް ބޭއްވުމުގެ އެންމެ މުހިއްމު މަގުސަދަކީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް) ދާއިރާގައި ހަރަކާތްތެރިވާ އެކި އެކި ފަރާތްތަކުން ދޭ ޚިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުން ކަމަށެވެ.
އޭގެ ސަބަބުން އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އާންމުންނާއި ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް މިދާއިރާގައި ލިބެން ހުރި ހިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އޭގެ އިތުރުން ސައިންސް އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުންފުނި ތަކާއި އިދާރާތަކުން ފޯރުކޮށްދޭ އެކިއެކި ހިދުމަތްތަކަށް މުޖުތަމައު އަހުލުވެރި ކުރުވުމަކީވެސް އެ ފެސްޓިވަލްގެ އަމާޒެެއްކަަމަށް ވިމެންއިން ޓެކްއިން ބުންޏެވެ.
އެ ފެސްޓިވަލް ގައި ބައިވެރިވެވޭނީ ސްޓެމް ދާއިރާގައި މަސައްކަތް ކުރާ ސްޓާޓްއަޕްތަކާއި، އަމިއްލަ ކުންފުނި ނުވަތަ ވިޔަފާރިތަކާއި، ސައިންސް އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކަށެވެ.
އޭގެ އިތުރުން ސްޓެމް އޭރިއާގައި ހަރަކާތްތެރިވާ ސްކޫލް ކްލަބްތަކަށް ވެސް ފުރުސަތު ހުޅުވާލައިފައިވާކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ.
ފެސްޓިވަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ ޖަމިއްޔާގެވެބްސައިޓްމެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފައެވެ.