އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ހުއްޓުވައިދިނުމަށް އެދި އުމައިރާ އަބޫބަކުރު ހުށަހެޅުއްވި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރު ނެރުމާމެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ހުއްޓައިލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ނެރެދިނުމަށާއި އުމައިރާ ތުޅާދޫ ކައުންސިލްގެ މެންބަރުކަމުން ވަކި ނުވާކަމަށް ކަނޑައަޅައިދިނުމަށް އޭނާ ހުށަހަޅުއްވާފައިވާ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ބައި އިލެކްޝަން ހުއްޓުވައި ދިނުމަށް އެދިފައިވާ އަމުރު ނެރުމާމެދު ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ވިދާޅުވީ އުމައިރާ ތުޅާދޫ ކައުންސިލްގެ މެންބަރު ކަމުން ވަކި ނުވާކަމަށް ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވާ މައްސަލައިގެ އިތުރު އަޑުއެހުމެއް ފަހުގެ ތާރީޚެއްގައި ބާއްވާނެ ކަމަށެވެ.

ޝަރީއަތަށް އުމައިރާ ވަޑައެއް ނުގަންނަވަ އެވެ. ބަދަލުގައި ވަޑައިގަތީ ގާނޫނީ ވަކީލެވެ.

އުމެއިރާގެ ވަކީލު ވިދާޅުވީ ބ. އަތޮޅު ކައުންސިލްގެ ރައީސް ސޮއިކުރައްވައި 23 މެއި 2011ގައި ފޮނުވި ފެކްސް މެސެޖެއްގައި ބަނޑޮސް އައިލެންޑު ރިސޯޓުގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަކަށް އުމެއިރާ ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާކަމަށެވެ. އަދި އެ ފެކްސް މެސެޖް އުމެއިރާއަށް ރައްދުކުރެއްވީ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ކަމަށް ވެސް އުމެއިރާގެ ވަކީލު ވިދާޅުވިއެވެ. ވިދާޅުވީ އެ މެސެޖު އުމެއިރާއާއި ހަވާލުކުރުމަށްފަހު "ބަނދަރުގެ މައްސަލަ ވެސް ބޮޑު" ކަމަށާއި އެހެންނަމަވެސް ވަޑައިގަންނަވަންޖެހޭ ތަނަކަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

"އެ މެސެޖު އުމެއިރާއާއި ހަވާލުކުރެއްވުމަށްފަހު ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ބަނދަރުގެ މައްސަލަވެސް ބޮޑޭ. އެހެންނަމަވެސް ދާންޖެހޭތަނަކަށް ދާންޖެހޭނޭ ރަޝީދު މިހެން ވިދާޅުވި އަޑު ތުޅާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ވެސް އިވިވަޑައިގަންނަވާނެ،" ވަކީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުމެއިރާ ރަށުން ބޭރަށް ފޮނުވައިލެއްވީ ކައުންސިލްގެ ރައީސް ރާވައިގެން އުމެއިރާ ކައުންސިލު މެންބަރުކަމުން ވަކިކުރުމަށް ކަމަށެވެ. އަދި އުމެއިރާ ރަށުން ފޮނުވާލުމަށްފަހު ބޭއްވި ޖަލްސާތަކަކީ ގަވާއިދާއި ޚިލާފަށް ބޭއްވި ޖަލްސާތަކެއްކަމަށެވެ.

އުމެއިރާގެ ވަކީލު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން ބާއްވަން އިއުލާންކުރީ އުމެއިރާގެ އެއްވެސް ބަހެއް ނުހޯދާ ކަމަށެވެ. އަދި ވިދާޅުވީ ނޯޓިސް ލިބިފައިވާ ހުރިހާ ޖަލްސާތަކަށް އުމެއިރާ ހާޒިރުވެވަޑައިގެންފައިވާ ކަމަށެވެ.


" ކައުންސިލްގެ ރައީސް ރާވައިގެން އުމެއިރާ ރަށުން ފޮނުވާލުމަށްފަހު ބޭއްވި ޖަލްސާތައް ބޭއްވީ. އެ ޖަލްސާތައް ބާއްވާފައިވަނީ ގާނޫނާއި ޚިލާފަށް،" ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގެ ތެރެއަށް ތަދައްހުލްވި ޑީއާރްޕީގެ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އާޒިމާ ވިދާޅުވީ އުމެއިރާ ބަނޑޮސް އައިލެންޑަށް ވަޑައިގެންފައިވަނީ މަގުބޫލު އުރުޒެއް ނެތިކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލު ވިދާޅުވާއިރު ބަނޑޮހަށް ވަޑައިގެންފައިވަނީ މަގުބޫލު އުޒުރަކާއި ނުލާކަމަށް ބުނެ ކައުންސިލުން ފާސްކޮށްފައިވާ ގަރާރެއް ނެތްކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވިދާޅުވީ އުމެއިރާ ބަނޑޮހަށް ވަޑައިގަތް ވަޑައިގަތުމަކީ ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގަނެވޭނެ ފަދަ މަގުބޫލު އުޒުރެއް ނޫންކަމަށް ތުޅާދޫ ކައުންސިލުން އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކުން އެނގެން އޮތްކަމަށެވެ. ބަނޑޮހަށް ވަޑައިގަތީ ލިޔުމުން ރަސްމީކޮށް ތުޅާދޫ ކައުންސިލަށް އެންގުމަކާއި ނުލާކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އުމެއިރާ ބަނޑޮހަށް ވަޑައިގެންފައިވަނީ ކައުންސިލްގެ ހުއްދަ ލިބިގެންކަން އެނގޭނެ އެއްވެސް ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ. އަދި ވިދާޅުވީ އުމެއިރާ ކައުންސިލްގެ މެންބަރުކަމުން ވަކިކޮށްފައިވާ ތާރީޚު އެ ކޮމިޝަނުން ބަލާފައި ނުވަނީ ކައުންސިލަރުން މެންބަރުކަމުން ވަކިކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމަށް ނުވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ތޮލާލް ވެސް ޝަރީއަތުގައި ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ އެ ކޮމިޝަނުން ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކޮށްފައިވަނީ ތުޅާދޫ ކައުންސިލުން ފޮނުވާފައިވާ ލިޔުންތަކާއި، ހައިކޯޓުން އުމެއިރާގެ މައްސަލައިގައި ކުރިން ކޮށްފައިވާ ހުކުމުގައި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ބެލުމަށްފަހު ކަމަށެވެ.