އިންޓަނޭޝަނަލް ކޮމެޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ) އިން ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ) ބަލައިގަތުމާ ގުޅިގެން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ)ގެ މެމްބަރުކަން ދިވެހި ރެޑް ކްރެސެންޓަށް ލިބިއްޖެ އެވެ.

އައިއެފްއާރުސީގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަތީ187 ވަނަ ޖަމާއަތުގެ ގޮތުގަ އެވެ.

އިންޓަނޭޝަނަލް ކޮމެޓީ އޮފް ރެޑް ކްރޮސް އިން ދިވެހި ރެޑް ކްރެސެންޓް ބަލައިގަތުމަށާއި އައިއެފްއާރްސީގެ މެމްބަރަކަށްވުމަށް ރާއްޖެ އިން ހުށަހެޅީ ޑިސެމްބަރު 2010 ގައެވެ

އައިސީއާރްސީ އާއި އައިއެފްއާރްސީގެ ވަފުދެއް މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އައިސް ބެލުމަށް ފަހު އައިއެފްއާރްސީގެ މެމްބަރުކަން ދިވެހި ރެޑް ކްރެސެންޓަށް ދޭން ނިންމީ ކަމަށް ހެލްތު މިނިސްޓުރީންވަނީ ބުނެފައެވެ.
ހެލްތު މިނިސްޓުރީން ބުނީ އައިއެފްއާރްސީގެ މެމްބަރު ކަމަށް ދިވެހި ރެޑް ކްރެސެންޓް ހަމަޖެއްސުމުގެ ރަސްމިއްޔާތު އޮންނާނީ އެ ޖަމިއްޔާގެ 18 ވަނަ އާންމު ޖަލްސާގައި ކަމަށެވެ. ޖެނީވާގައި ބާއްވާ މި ޖަލްސާގައި ރާއްޖެ އަށް އައިއެފްއާރްސީގެ މެމްބަރުކަން ދޭނީ މި މަހުގެ 23 ގައި ކަމަށް ވަނީ ބުނެފައެވެ.