16 Oct 2019, 13:38
ރާއްޖެއާއި އިންޑިއާއާ ދެމެދު ކިތަންމެ ރަނގަޅު ގުޅުމެއް އޮތަސް، އިންޑިއާއިން ރާއްޖެއަށް ސިގްނިފިކަންޓް (ފާހަގަކުރެވޭ ވަރުގެ) އިންވެސްޓްމަންޓެއް މިހާތަނަށް އައިސްފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި އިންޑިއާ ވިޔަފާރިވެރިންނާއެކު "ކޮންފަރެންސް އޮން އެކްސްޕްލޯރިންގް އޮޕަޗޫނިޓީސް ބިޓްވީން މޯލްޑިވްސް އެންޑް ކެރެލާ"ގެ ނަމުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ދުޅަހެޔޮ ވިޔަފާރީގެ ގުޅުމެއް ބޭއްވުމުގެ ފުރުސަތު ކުރިއަށް ވުރެ މިހާރު ބޮޑު ކަމަށެވެ.
"ރާއްޖެއާއި އިންޑިއާއާ ދެމެދު ދުޅަހެޔޮ ވިޔަފާރީގެ ގުޅުމެއް ބޭއްވުމުގެ ފުރުސަތު ބޮޑު. ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ކިތަންމެ ރަނގަޅު ގުޅުމެއް ދެމެހެއްޓިފައި އޮތް ނަމަވެސް، އިންޑިއާއިން ރާއްޖެއަށް ސިގްނިފިކަންޓް [ފާހަގަކުރެވޭ ވަރުގެ] އިންވެސްޓްމަންޓެއް އަދި މިހާތަނަށް އައިސްފައެއް ނުވޭ. މީގެ އެއް ސަބަބަކީ މިފަދަ ހަރަކާތްތައް [ބައްދަލުވުންތައް] މީގެ ކުރިން ކުރިއަށް ގެންދެވިފައި ނުވާތީ ކަމަށް ބެލެވޭ. އުންމީދުކުރަނީ މި ބައްދަލުވުމުގެ ސަބަބުން ގިނަ އިންވެސްޓްމަންޓްތައް އަންނާނެކަމަށް" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މޯލްޑިވްސް ކެރަލާ ބިޒްނަސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިންވެސްޓުކުރަން ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ދަތިތަކަށް ހައްލު ހޯދުމަށް ކަމަށާއި ދެ ގައުމުގެ ވެރިންގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ 11 މަސް ދުވަހުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ފެށި އެ ބައްދަލުވުމުގައި ކެރެލާއާއި ރާއްޖޭގެ ގާތްގަނޑަކަށް 30 ކުންފުންޏަކުން ބައިވެރިވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރަން މަސައްކަތްތަކެއް ކުރަމުންދާއިރު، އެ މަސައްކަތަށް ބާރު އުޅުމުގެ ގޮތުން ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިންޑިއާގެ ކޮޗިންއާއި މާލެއާ ދެމެދު ފެރީ ދަތުރުތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ.