17 Nov 2011, 12:26
ލ. އަތޮޅާއި ތ. އަތޮޅުގެ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ސައުތު ސެންޓްރަލް ޔުޓިލިޓީޒް ކުންފުނީގެ ބޯޑު ސަރުކާރުން އުވާލައިފި އެވެ.
ބޯޑު އުވާލީ ކުންފުނީގެ މަސައްކަތް ހިނގަމުންދާ ގޮތަށް އަތޮޅުގެ ރަށްރަށުގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެ، ބޯޑުގެ ވަކިވަކި މެންބަރުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރެވެމުން ދަނިކޮށެވެ. އޭގެ ތެރޭގައި ތެލުގެ އޮޅުވާލުމާއި ހިޔާނާތުގެ ތުހުމަތުތައް ވެސް ހިމެނެ އެވެ.
ބޯޑު އުވާއިލި އިރު ތިއްބެވި ބައެއް މެންބަރު ވިދާޅުވީ ކުންފުނީގެ ބޯޑު އުވައިލިކަން އެންގެވީ އިއްޔެ ކަމަށާއި ކުންފުނި އުވައިލި ކަމަށް އެންގެވީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
ބޯޑުގެ ޗެއާމަން އަބްދުލް ވައްހާބު ވިދާޅުވީ ބޯޑު އުވާލީ މެންބަރުގެ މެދުގައި ހިޔާލަތު ތަފާތުވެ ގުޅިގެން މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އުވާލި ބޯޑުގެ އެހެން މެންބަރަކު ވިދާޅުވީ ބޯޑު އުވާލި ސަބަބެއް އެނގިވަޑައިގަންނަވާނީ "ބޯޑު އުފެއްދެވި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް" ކަމަށެވެ. ދެން ވިދާޅުވީ ބޯޑުން ވަކި ކުރި މެންބަރު މިވަގުތު ކުންފުނީގެ މައި އިދާރާގައި އެބަ ތިއްބެވި ކަމަށާއި އިތުރު މައުލޫމާތެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑަށް ލަފާ ކުރެވެނީ މެންބަރުގެ މެދުގައި ހިލާފުތައް ބޮޑުވެގެން ހިންގޭވަރު ނުވެގެން އުވާލީ ކަމަށް،" ވައްހާބު ވިދާޅުވި އެވެ.
ހަތް މެންބަރުން ތިއްބަވަން ޖެހޭ އެކަމަކު ހަ ބޭ ފުޅުން ތިއްބެވި ބޯޑު އުވާލާފައިވާ ކަމަށް ލ. އަތޮޅުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ނާޝިދު އަބްދުﷲ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޯޑު އުވާލުވުމަށް ފަހު ކުންފުންޏާ ހަވާލުމަށް ވެސް ސަރުކާރުން އަންގާފައިވާ ކަމަށެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވެސް ވިދާޅުވީ ކުންފުނީގެ ބޯޑު އުވާލާފައިވާ ކަމަށެވެ.
ކަރަންޓް ކުންފުނީގެ ބޯޑު އުވައިލި އިރު ލ. ގަމުގެ މުކުރި މަގު އަވަށުން ކަރަންޓުގެ ހިދުމަތް ކެނިޑިފައި އޮންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.