17 Jun 2010, 10:07
14:30
ގުއަންޓަނާމޯބޭ ޖަލުން ޤަޢިދީން ގެނައުމުގެ މައްސަލައާ ބެހޭގޮތުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ.
މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ރާއްޖެއަށް ބޭރު ޤައުމަކުން ކޮންމެ މީހަކު ގެނައި ކަމަށް ވިޔަސް، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވިޔަނުދީ، ރާއްޖޭގެ ދިފާޢީ ނިޒާމު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި ހުރިތޯ ބެއްލެވުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަކީ، ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ ސަލާމަތާ ގުޅޭ އެންމެހައި ކަންތައްތަކުގައި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ މަޖިލީހެކެވެ.
ގުއަންޓަނާމޯބޭ މައްސަލާގައި ސަރުކާރުގެ މުހިންމު ލިޔެކިއުންތަކެއް ލީކުވި މައްސަލާގައި އެ ލިއުންތައް ލީކުވި މައްސަލައާ އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދައިދިނުމަށް އެދި ފޮރިން މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު ހަމަ އެ މައްސަލަ ބަލައިދިނުމަށް އެދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދު ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހުށަހަޅުއްވައިފަ އެވެ.