17 Nov 2011, 11:39
ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ވަރުގަދަ ސަރަހައްދެއް ކަމަށް ނުބެލެވޭ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމު ތަކުން އިސް ނަގާގެން ސަރަހައްދުގެ ފުޓްބޯޅަ ކުރިއަރުވަން ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެށިގެން އައިސްފައި ވަނީ މި ސަރަހައްދުގެ ޤައުމުތަކުގެ ޖަމްއިއްޔާ "ސާކް" ވުޖޫދަށް އައުމަށްފަހު ދޭދޭ ޤައުމުތަކުގެ ކުޅިވަރު ތަރައްޤީ ކުރުމަށް އެޅި ފިޔަވަޅު ތަކުގެ ތެރެއިންނެވެ.
މިގޮތުން ފަށައި ގަތުމުގައި ވަކި ފުޓްބޯޅަ މުބާރާތެއް ޤައުމުތަކުގެ މެދުގައި ބޭއްވި ފައި ނުވިކަމުގައި ވިޔަސް، ދެކުނު އިރުމަތީ އޭޝިޔާގައި ކުޅިވަރުގެ ކައުންސިލެއް އުފެދި، ކައުންސިލްގެ ދަށުން ސާފް ގޭމްސްގެ ނަމުގައި މުބާރާތެއް ބާއްވަން ފެށި އެވެ.
ފުރަތަމަ ސާފް ގޭމްސް ބޭއްވުނީ 1983 ވަނަ އަހަރު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގަ އެވެ. މި ގޭމްސްގަ ޤައުމު ތަކުގެ ޤައުމީ ފުޓްބޯޅަ ޓީމްތަކުން ފުޓްބޯޅަ އިވެންޓުގައި ވާދަކުރިއިރު، މެޗްތަކުގެ ފޯރި ވަރަށް ގަދަވެންދިޔަ އެވެ. އެދުވަސްވަރު ސަރަހައްދުގެ ޤައުމުތަކުގެ ފުޓްބޯޅަ ޓީމްތައް ބައިނަލްއަޤްވާމީ ސިފައިގައި ފެންނަމުން ދިޔައީ ސާފް ގޭމްސްގަ އެވެ. އަދި މިގޭމްސްގަ ގިނަ ކުޅިވަރުތަކާ ހިލާފަށް ފުޓްބޯޅައިގެ ތަރުޙީބް ބޮޑުވެ ޤައުމު ތަކުގެ ބައިވެރިވުން ފުރިހަމައަށް ލިބެން ފެށުމާއެކު 1991 ވަނަ އަހަރު ސްރީލަންކާގައި ދިވެހި ޤައުމީ ޓީމް ރެހި މެޑަލްއެއް ހޯދިއެވެ. ސާފް ގޭމްސްއަށް ފަހު މި ސަރަހައްދަށް ފުޓްބޯޅަ ޖަމްއިއްޔާއެއް އެކުލަވާލުމުގެ މުހިންމު ކަން ޤައުމުތަކުން ވަރަށް މުހިންމުވި އެވެ.
އަދި ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށި، 1997 ވަނަ އަހަރު މިޖަމްއިއްޔާ ރަސްމީކޮށް ހިންގަން ފެށުނެވެ. މިޖަމްއިއްޔާގެ ފައުންޑާ މެންބަރުންނަކީ ބަގްލަދޭޝް، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ފާކިސްތާން އަދި ސްރީލަންކާއެވެ. ބޫޓާން މިޖަމްއިއްޔާއާއި ގުޅުނީ 2000 ވަނަ އަހަރުއެވެ. އަދި އަފްޣާނިސްތާން މިޖަމްއިއްޔާގެ މެންބަރަކަށްވީ 2005 ވަނަ އަހަރު އެވެ.
ސަރަހައްދުގެ ޤައުމުތަކަށް ޙާއްސަ ފުޓްބޯޅަ މުބާރާތެއް ފުރަތަމަ ބޭއްވުނީ 1993 ވަނަ އަހަރު ޕާކިސްތާންގައެވެ. އެއީ ސައުތު އޭސިއަން އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕްރޭޝަން "ގޯލް ކަޕް" ގެ ނަމުގައި ބޭއްވި މުބާރާތެވެ.
އޭގެ ފަހުން ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ދެ ވަނަ މުބާރާތް ބޭއްވުނީ ސްރީލަންކާގެ ކޮޅަބުގައި، ސައުތު އޭޝިއަން ގޯލްޑް ކަޕްގެ ނަމުގައެވެ. އަދި 1997 ވަނައަހަރު ރަސްމީ ފުޓްބޯޅަ ޖަމްއިއްޔާއެއް މިސަރަހައްދުގައި އުފަންވެ، މި މުބާރާތް ބާއްވާނީ ކޮންމެ ދެ އަހަރަކުން އެއްފަހަރު، ޖަމްއިއްޔާގެ މެންބަރު ޤައުމެއްގައި ކަމަށާއި މުބާރާތުގައި ވާދަކުރާނީ ޖަމްއިއްޔާގައި ހިމެނޭ މެންބަރު ޤައުމުތަޢް ކަމުގައި ކަނޑައެޅުނެވެ.
"ސާފް ޗެމްޕިއަންސިޕް" ފުރަތަމަ މުބާރާތް އޮތީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގަ އެވެ. އެއީ 1997 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޤައުމުތަކުގެ ދޭދޭ މައްސަލަތަކާއި އިޤްތިސޯދީ އަދި ދާހިލީ ހާލަތްތަކަށް ރިއާއަތްކޮށް، ބައެއްފަހަރު މުބާރާތް ބައްވަން ނިންމާ އަހަރުގައި ނުބޭއްވި ލަސްވެގެން ދިޔަނަމަވެސް، މިމުބާރާތަކީ މިސަރަހައްދުގައި ބާއްވާ "ވޯލްޑް ކަޕް" ފުޓްބޯޅަ މުބާރާތެވެ.
ސަރަހައްދުގެ ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ޤައުމެއްގެ ގޮތުގައި ބެލެވޭ އިންޑިއާ ބަންގްލަދޭސް، އަދި ރާއްޖޭގައި މިމުބާރާތުގެ ފޯރި އަންނަނީ ދުވަހެއް ދުވަހަކަށް ގަދަ ވަމުންނެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރުން ފެށިގެން 2009 އަހަރަށް ބޭއްވުނު އަށް މުބާރާތުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތެއް ބާއްވާފައި ވަނީ އިންޑިއާ އެވެ. އޮގޮތުން އިންޑިއާ ވަނީ މިމުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ސްރީލަންކާ، ބަންގްލަދޭސް އަދި ރާއްޖެއަށް މިމުބާރާތުގެ ތަށި ލިބިފައި ވަނީ އެއް ފަހަރުއެވެ.
މިއަހަރުގެ މުބާރާތަކީ އިންޑިއާގައި މިމުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އަދި އިންޑިއާގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭސް އިން ވެސް މި މުބާރާތް ދެ ފަހަރު ބާއްވާފައި ވެއެވެ. ސްރީލަންކާއާއި ނޭޕާލްގައި އަދި އެއްފަހަރު މިމުބާރާތް ބޭއްވި ކަމުގައި ވިޔަސް، ސްރީލަންކާއާއި ރާއްޖެ ގުޅިގެން ދެ ޤައުމުގަ މިމުބާރާތް ބާއްވާފައި ވަނީ 2008 ވަނަ އަހަރެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަނުން ނަކީ 1-0 ލަނޑުން އިންޑިއާ ބަލިކުރި ރާއްޖެއެވެ.
އެންމެފަހުން ވެސް ސާފް ޗެމްޕިއަން ސިޕް ފުޓްބޯޅަ މުބާރާތް އޮތީ ބަގްލަދޭސްގެ ވެރިރަށް ޑާކާގައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ލިބިފައި ވަނީ ދިވެހިރާއްޖެ ބަލިކުރުމަށްފަހު، އިންޑިއާގެ ޤައުމީ ފުޓްބޯޅަ ޓީމަށެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާ އިރު، މުބާރާތުގައި ރާއްޖެ ލައްވާލީ މިސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެކު ގްރޫޕް ބީ ފަޅީގަ އެވެ. އެގޮތުން ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.