16 Oct 2019, 09:00
އައްޑޫ ސިޓީ މީދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.
އެމްޓީސީސީއިން ބުނީ މީދޫ ބަނދަރުގެ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި މަސައްކަތް ފަށާފައިވަނީ އީއައިއޭ ހެދުމަށްފަހު ކަމަށެވެ.
ބަނދަރުގެ 10 ޕަސަންޓު މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން މީދޫގެ ބަނދަރު ޑިޒައިން ކުރުމުގެ މަސައްކަތްވެސް ކުރީ އެމްޓީސީސީއިންނެވެ.
މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެންނެވެ. ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެއެވެ.
އެއް އަހަރު ތެރޭ ނިންމުމަށް ކޮންޓްރެކްޓުކޮށްފައިވާ މި ޕްރޮޖެކްޓުގެއަގަކީ 35.43 މިލިއަން ރުފިޔާއެވެ.