17 Nov 2011, 11:33
މި މަހު 10 އިން 11 އަށް އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ޗައިނާ ސަރުކާރުން ހަދިޔާ ކުރި 15 ނޫނީ 16 ޖީޕް ސަމިޓް ނިމުމަށް ފަހު މާލެ ގެނައި މައްސަލަ ކުޑަކޮށް ހޫނުވެއްޖެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ އިއްޔެ ދެ ފަހަރެއްގެ މަތީން އެމްއެންޑީއެފުން އެ ވެހިކަލްތައް މާލެ ފޮނުވާލާފައިވާ ކަމަށާއި ފުރަތަމަ ޝިޕްމަންޓް ފޮނިވާލީ މިފްކޯގެ ބޯޓެއްގައި ކަމަށާއި ދެ ވަނަ ޝިޕްމަންޓް ކޮޅުވެއްޓިއެއްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.
އޭނާ ބުނީ ސަމިޓްގައި ބައިވެރިވެވަޑައިގަތް ގައުމުތަކުގެ އިސް ވެރިން ދަތުރުކުރެއްވުމަށް ސްރީލަންކާ އިން އަނބުރާ ދައްކާ ގޮތަށް ނޫނީ ކުއްޔަށް ގެނައި މާސީޑީސް ބެންޒު ކާރުތައް އަނބުރައި ގެންދިއުމުން އެ މީހުން މައްސަލަ ނުޖައްސާ ކަމަށާއި އަދި ވީއައިޕީ ބޭފުޅުން ދަތުރުކުރެއްވުމަށް ގެނައި ބަސްތައް އަނބުރާ ގެންދިއުމުން ވެސް މައްސަލަ ނުޖައްސާ ކަމަށެވެ. ނަމަވެސް ޗައިނާ ސަރުކާރުން ސަމިޓަށް ހަދިޔާ ކުރި ޖީޕްތައް ގެންދެވިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ބުނީ ރައީސް މުހައްމަދު ނަޝީދު، ސަމިޓަށް އައްޑު އަށް ގެންދިޔަ އެއްޗިއްސަކީ އައްޑޫގައި ހުންނަން ޖެހޭނެ އެއްޗިހި ކަމަށް ވިދާޅުވެފައި ވަނިކޮށް އެ ތަކެތި މާލެ ގެންނަން ޖެހޭ ސަބަބު ނުވިސްނޭ ކަމަށާއި އަދި އެކަން ގަބޫލު ވެސް ނުކުރާ ކަމަށެވެ.
އެ ތަކެތި އަނބުރާ ގެންދާތީ އެއްވެސް އިހުތިޖާޖެއެއް ކުރުން ފަދަ ކަމެއް ހިނގާތޯ އެހުމުން އޭނާ ބުނީ "މި ތަނަކީ ބޮޑަށް އެމްޑީޕީ ތަނަކަށް ވާތީ" އަދި އެފަދަ ކަމެއް ނުހިނގާ ކަމަށާއި ނަމަވެސް މިއަދު ސިޓީ ކައުންސިލްގެ ބައްދަލުވުމެއް އެ މައްސަލައާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާކަން އެނގިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަކަކީ ސާކްސަމިޓަށް ހަދިޔާކޮށްފައިވާ ވެހިކަލްތަކެއް ކަމަށާއި ނަމަވެސް އެ ވެހިކަލްތައް ބޭނުން ކުރާނީ ފުލުހުންގެ ބޭނުމަށްތޯ ނޫނީ ކޮން ބޭނުމަކަށްތޯ ޖެހޭނީ ބަލަން ކަމަށެވެ.
އައްޑޫ ސިޓީގައި ހުންނެވި އެމްއެންޑީއެފްގެ ސަދަން ކޮމާންޑަރު އިބްރާހީމް ދީދީ ރޭ ވިދާޅުވީ ވެހިކަލްތައް މާލެ ފޮނުވާ ކަމަށާއި އައްޑު އަށް ތަފާތު ބޭނުންތަކުގައި ތަފާތު ވެހިކަލްތައް ގެންދިޔަ ކަމަށެވެ. އެ އޭގެ ތެރޭގައި ސިފައިން ދަތުރުކުރުމަށް ގެނައި ވެހިކަލްތަކާއި އަދި އެ ނޫން ވެސް ވެހިކަލްތައް ހިމެނޭ ކަމަށެވެ. ޗައިނާ ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ރޭ ވިދާޅުވީ އޭނާ އަށް ރަނގަޅީ ވަކިވަކި އެއްޗެތީގެ ވާހަކަ ނޭހުން ކަމަށާއި ސަމިޓަށް އައްޑު އަށް ގެންދިޔަ އެއްޗިއްސަކީ ކޮންވެންޝަން ސެންޓަރުގެ ތަކެތި ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.