15 Oct 2019, 21:59
ތޫނިސް (އޮކްޓޯބަރ 15) : ތޫނިސްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ގައިސް ސައީދު ކާމިޔާބު ކުރައްވައިފި ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ ކޮމިޓީން އިއްލާންކޮށްފިއެވެ. އެކޮމިޓީން ބުނީ ގައިސް ސައީދު ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން ވަގުތީ ނަތީޖާއިން ކަށަވަރުވެއްޖެކަމަށާ އިންތިޚާބާ ގުޅޭ މައްސަލަތައް ބެލުމަށްފަހު ދާއިމީ ނަތީޖާ އިއްލާން ކުރާނެކަމުގައެވެ.
އަނެއްކޮޅުން ޤައިސް ސައީދު އާ ވާދަކުރެއްވި ކެންޑިޑޭޓް ނަބީލް އަލްޤުރަވީ ވަނީ ބަލި ގަބޫލު ކުރެއްވުމަށް ދެކޮޅު ހެއްދެވުމަށްފަހު އިއްޔެ ބަލިގަބޫލުކުރައްވައި ސައީދަށް މަރްހަބާ ވިދާޅުވެފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުގެ 69 އިންސައްތަ ޤައިސް ސައީދަށް ލިބިފައިވެއެވެ. ޤުރަވީ އަށް ލިބިފައިވަނީ 29 އިންސައްތައެވެ.
1986 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާއިން ތޫނިސްގެ ޔުނިވާސިޓީތަކުގައި ކިޔަވައި ދެއްވުމުގައި އުޅުއްވި ޕްރޮފެސަރު ސައީދަކީ މީގެ ކުރިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ފާއިތުވި 8 އަހަރު ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގައާއި ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ސައީދުގެ ވާދަވެރިޔަ ނަބީލް އަލްޤުރަވީއަކީމަހުޖަނެކެވެ. ނަމަވެސް އޭނާއަކީ ފަގީރުންނަށް ވަރަށް ބޮޑަށް އެހީވާ ބޭފުޅެކެވެ. ނަމަވެސް ކޮރަޕްޝަނާއި، މަނީލޯންޑަރިންގެ ގިނަ ތުހުމަތުތަކެއް ނަބީލްގެ މައްޗަށް ކުރެވިފައިވެއެވެ.
ރިޔާސީ ކޭންޕޭންގައި ސައީދު ތޫނިސްގެ އާއްމު ރައްޔިތުންނަށް ވިސްނައިދެއްވަން މަސައްކަތް ކުރެއްވީ ކޮރަޕްޝަން ނައްތާލުމާއި ނަޒާހަތްތެރިކަމުގެ މުހިއްމުކަމެވެ. ކޮރަޕްޝަނާ ދެކޮޅަށް ސައޫދީ ދެއްވި މެސެޖްތަކުން ތޫނިސްގެ ޒުވާނުންގެ ހިތްތަކަށް ވަރުގަދަ އަސަރެއް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.
ތޫނިސްގެ ރިޔާސީ އިންތިޚާބުގައި 27 ބޭފުޅުން ވާދަކުރެއްވިއިރު އޭގެތެރެއިން ގިނަ ބޭފުޅުން ކޭންޕޭން ކުރެއްވި މިންވަރާ ގާތަށްވެސް ސައީދު ކޭންޕޭން ކުރައްވާފައެއް ނުވެއެވެ. ސައީދުފަދަ މުސްތަގިއްލު ކެންޑިޑޭޓަކުން ތޫނިސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ތޫނިސްއަށާ އަދި ބޭރުގެ ފަރާތްތަކަށްވެސް ވަނީ ހައިރާންކަން ލިބިފައެވެ.
ސައީދުވަނީ އޭނާއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި އޭނާގެ ވެރިކަމުގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. (ނޫސްއެޖެންސީތައް)