17 Nov 2011, 11:31
ބްރެޒިލް ފޯވާޑް ނޭމާ އަށް ވުރެ މޮޅީ ހަމައެކަނި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ކަމަށް ސަންޓޯސް ގެ ކޯޗް މުރިސީ ރަމާޅިއޯ ބުނެފި އެވެ.
މަޝްހޫރު ގިނަ ކުލަބުތަކެއްގެ ހުށަހެޅުން ދޫކޮށްލުމަށް ފަހު، ދާދި ފަހުން ނޭމާ ވަނީ ސަންޓޯސް ގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ނޭމާގެ ކޯޗު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ އަކީ ނޭމާ ކަމެވެ.
"އަހަރެންނަށް ހީވަނީ ނޭމާ އަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ހެން. ނޭމާ އަކީ ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އަހަރެން ގަބޫލުކުރަނީ. އެއްވަނަ ކުޅުންތެރިޔަކީ މެސީ އަދި ދެވަނަ ކުޅުންތެރިޔަކީ ރޮނާލްޑޯ." ރަމާޅިއޯ ބުންޏެވެ.
ނޭމާ ހޯދުމަށް މަސައްކަތް ކުރާ ކުލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސްޕެއިން ގެ ކުލަބުތަކުން ނެވެ. އޭގެ އިތުރުން އިނގިރޭސި ކުލަބުތަކަކުން ވެސް ނޭމާ ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ.