މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކީ، މި ގައުމުން އިސްލާމް ދީން ފޮހެލުމަށް ދުރާލާ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާ އެއް ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.

އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ހުރުމުން ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ އެޖމިއްޔާއާ ދެކޮޅަށް ވަނީ އަޑު އުފުލައި، އެ ޖަމްއިއްޔާ އުވާލަމުންނެވެ. އެ ރިޕޯޓުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ، އެ މައްސަލަ ބަލައި ނިމެންދެން އެ ޖައްމިޔާ ވަގުތީ ގޮތުން ސަސްޕެންޑްކުރުމަށް ނިންމާފައެވެ.

އެމްޑީއެންގެ ރިޕޯޓް ކުއްވެރިކޮށް އެމްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖެއަށް ނިސްބަތްވާ ބަޔަކު އެފަދަ ހަޑިމުޑުދާރު އަމަލެއް ހިންގިކަން އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އަމާން ދިވެހި ފަސްގަނޑު ފަސާދައިން ތަޣައްޔަރުވެ ހިނގާދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ.

"މުސްލިމު ރައްޔިތުން ބައިބައިކޮށް މާތްވެގެންވާ އިސްލާމްދީން މި ފަސްގަނޑުން ފޮހެލުމަށް ދުރާލާ ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށްވާތީވެ، މި ރިޕޯޓު ނެރުނު ފަރާތްތަކާމެދު ގާނޫނީ އިމުގެތެރެއިން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަން،" އެމްޑީއޭގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، އިސްލާމީ އަސާސްތަކަށް ބޭއިހްތިރާމް ކުރެވޭ އެއްވެސް ކަމެއް އެޕާޓީން ބަލައި ނުގަންނާނެ ކަމަށާއި އެފަދަ ކަމެއް ކުރި އަދި ކުރާ ބަޔަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.