ރާއްޖޭގެ ބޯޑަރު ބަލަހައްޓަން މިހާރު ބޭނުން ކުރާ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އަކީ ރާއްޖެފަދަ ގައުމަކަށް އެންމެ ރަނގަޅު ސިސްޓަމް ނޫން ކަމަށާއި އާ ބޯޑަރު ސިސްޓަމެއް ބަހައްޓަން ޖެހޭ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެެމެރިކާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މުޅިން ހިލޭ ދިން ޕައިސިސް ބަހައްޓައި ބޭނުންކުރަން ފެށީ އޮގަސްޓް 2013 ގަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޓެރަރިސްޓް އިންޓަޑިކްޝަން ޕްރޮގްރާމް (ޓީއައިޕީ)ގައި ހިމެނޭ ޕައިސިސް އަކީ ގައުމުތަކަށް އެތެރެވެ، ބޭރުވާ މީހުން ދެނެގަނެ، ފިންގަޕްރިންޓާއި އެ ނޫން ވެސް ބަޔޮމެޓްރިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ދެނެގަންނަ ސިސްޓަމެކެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަޑައިގެންނެވި އިމިގްރޭޝަންގެ އިސްވެރިންނާ ވަނީ ޕައިސިސް ސިސްޓަމާ ގުޅޭ ގޮތުން މެމްބަރުން ވަރަށް ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ.

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ، ޕައިސިސް ސިސްޓަމް އަޕްގްރޭޑްކޮށްގެން ނުވަތަ ސިސްޓަމްގައި ހުރި ކަމެއް ބަދަލުކޮށްގެން މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ. ސިސްޓަމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޕައިސިސް ސިސްޓަމްގެ ފަރާތްތަކާ އެެތައް ފަހަރަކު ބައްދަލުކުރެވިއްޖެ ކަމަށާއި ނަމަވެސް ހަލެއް ނާންނަކަމަށް ހަނަފީ ފާހަގަ ކުރެއްވި އެވެ.

"ޕައިސިސް ސިސްޓަމަކީ، ނާޒުކު ގައުމުތަކަށް ހަދާފައިވާ ސިސްޓަމެއް. ރާއްޖޭގެ ނީޑަށް އެ ސިސްޓަމް ބަދަލުލެއް ނުކުރެވޭނެ. މުޅި ސިސްޓަމް ބަދަލު ކުރަން ޖެހޭނީ. އަޅުގަނޑަކަށް ހިއެއް ނުވޭ ޕައިސިސް އިން އެކަމަށް ކޭޓާ ކުރެވޭނެހެން. ޕައިސިސް އިން ގޮތަށް ބައިންދާފައި އެހެން ސިސްޓަމަކަށް ދިޔުން ރަނގަޅުވާނީ،" ހަނަފީ ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުުގައި ހަނަފީ ވާހަކަ ދައްކަވަނީ: ރާއްޖެއަށް އާ ސިސްޓަމެއް ބޭނުންވާކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަނަފީ ވިދާޅުވީ، ބޯޑަރު ކޮންޓްރޯލް ސިސްޓަމްގެ ކަންތައްތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މިމަހު ސެމިނާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސެމިނާގައި އިމިގްރޭޝަނުން ބޭނުންވާ ގޮތް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ސެމިނާ އިން ސިސްޓަމާ ގުޅޭ ގޮތުން ކުރިއަށްދާނެ ގޮތެއް ނިންމަވާނެ ކަމަށް ހަނަފީ ވިދާޅުވި އެވެ.

"ޕައިސިސް އިދެގެން މައްސަލައެއް ނެތް އެހެން ސިސްޓަމެއް އިންނަ ނަމަ. ޑިޕްލޮމެޓިކްކޮށް ފޮރިން މިނިސްޓްރިއަށް ކަން ނޭނގެ އެނގިލައްވާނީ. އަޅުގަނޑުމެންގެ މައްސަލައަކީ ހަމައެކަނި ޕައިސިސް ސިސްޓަމަށް ބަރޯސާވާތީވެ،" ހަނަފީ ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސާ މުހައްމަދު ޝިފާން ވިދާޅުވީ، ޕައިސިސް ސިސްޓަމްގެ ދަށުން ކަނޑުމަގުން ރާއްޖެ އެތެރެވާ މީީހުންގެ ރިކޯޑްތައް ނުބެލެހެއްޓޭ ކަމަށެވެ. އެކަމާ ގުޅިގެންވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިސްޓަމް ބޭނުންކުރާތާ ހަތް އަހަރުވީ އިރު ސިސްޓަމަށް ކަނޑުމަގުން އަންނަ ފަރާތްތަކުގެ [މައުލޫމަތު އެޅުމަށް] މޮޑިއުލްއެއް ހަދައިދީފައި ނުވޭ. އެހެންވީމައި ކަނޑުމަގުން އަންނަ ފަރާތްތަކުގެ މައުލޫމަތު ނުހުންނާނެ،" ޝިފާން ވިދާޅުވި އެވެ.

ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސާ މުހައްމަދު ޝީފާން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

އޭނާ ވިދާޅުވީ، މިހާރުވެސް 30،000 އެއްހާ މީހުން ކަނޑުމަގުން އަހަރެއްގެ މައްޗަށް ރާއްޖެ އެތެރެވާ ކަމަށެވެ. އަދި ކޮޗިންއާއި ރާއްޖެއާ ދެމެދު ފެރީގެ ނިޒާމް ގާއިމްކުރަން އުޅޭ އިރު، ބޯޑާ ކޮންޓްރޯލް ސިސްޓަމަށް އެ މައުލޫމަތު ނޭޅޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ދިމާވާނެ ކަމެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިމިގްރޭޝަން އަކީ ރާއްޖޭ ބޯޑަރު ބަލަހައްޓަން ޖެހޭ ފަރާތް ކަމަށް ވާއިރު ބޯޑަރު ސިސްޓަމް ބެހެއްޓުމަށް އެމެރިކާއާއެކު ހެދި އެއްބަސްވުމުގައި އޮތް އެއްޗެއް އިމިގްރޭޝަނަށް ނޭނގޭ ކަމަށެވެ.

[އެ އެގްރިމަންޓްގެ ދަށުން] ހިއްސާ ކުރަން ޖެހެނީ ކޮން މައުލޫމާތެއް ކަމާއި، ހިއްސާ ކުރަން ނުކުރެވެނީ ކޮން މައުލޫމާތެއް ކަމާއި އަޅުގަނޑުމެންގެ ޑޭޓާ ނެގުމާއި މިކަންކަން ކުރަނީ ކޮންކޮން ކަމަކަށް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" ޝިފާން ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިބްރާޙިމް އަޝްރަފު ވިދާޅުވީ، ޕައިސްސް ބޭނުން ކުރުން ހުއްޓާލީ ވަރަށް ކެރިގެން ނިންމުންތައް ނިންމާ ގައުމުތައް ކަމަށާއި އެގޮތުން ޕާކިސްތާން ތައިލެޑް ފަދަ ގައުމުތަކުން މިހާރު އެ ސިސްޓަމް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ޕައިސިސް އަކީ އެހެން ބަޔަކަށް އަޅުގަނޑުމެން ކޮށްދޭ މަސައްކަތެއް،" އަޝްރަފު ވިދާޅުވި އެވެ.

އަޝްރަފު ވިދާޅުވީ، އެ ސިސްޓަމް ބެހެއްޓި އިރު މާބޮޑު ތަމްރީނެއް ނުލިބޭ ކަަމަށާއި ފެނިގެންދިޔައީ ކުއްލިއަކަށް ކުރިން ބޭނުން ކުރަމުން އައި ސިސްޓަމްގެ ބަދަލުގައި އެހެން ސިސްޓަމެއް ބޭނުން ކުރަން ފެށިތަަން ކަމަށެވެ.