ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަޔަށް ޕެޓްރޯލް ހަމެއް އަޅާލައި ފިހިގެން މަރުވިކަމަށް ފުލުހުން ބުނާ އެރަށު ފުލޫނިޔާގޭ އިބްރާހިމް އަފްޒަލް 22، ގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ. އެޗްއާރްސީއެމުން އެހެން ބުނީ މައްސަލަ ތަހުގީގު ކުރުމަށް ފަހު އިއްޔެ އާއިލާއާ ހަވާލު ކުރި އަށް ސަފުހާގެ ރިޕޯޓެއްގަ އެވެ.

ސަން އޮންލައިނަށް ކޮޕީލިބިފައިވާ ރިޕޯޓުގައި ބުނެފައިވަނީ އަފްޒަލް ފުލުހުންގެ އިދާރާއަށް ގެންގޮސް އޭނާގެ ސިއްހީ ހާލަތު ދެނެގަތުމުގަ އާއި ބެލެހެއްޓުމުގައި އިންތިޒާމްތައް ހަމަޖައްސާފައިވާގޮތުން، އަމިއްލަ ނަފްސަށާއި އެހެން މީހުންނަށާއި، ތަންތަނަށް ގެއްލުން ދެވިދާނެ ފަދަ ގޮތަކަށް އޭނާ ބަހައްޓާފައި ހުރިހުރުމަކީ އަފްޒަލް މަރުވުމުގައި ފުލުހުންގެ އިހުމާލް ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށް ކޮމިޝަނުން ދެކޭ ކަމަށެވެ.

ފުލުސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އަފްޒަލް ގެންގޮސް އޭނާ ބައިންދާފައިވަނީ ޑީސަލާއި، ޕެޓްރޯލް އަޅާފައިވާ ހަންތަކެއް ބަހައްޓާފައިވާ އުނދޯލިގެއްގެ ކަމަށާއި އެ އުނދޯލި ގޭގައި އޭނާ ބައިންދާފައި އިންއިރު އެވަގުތު ސްޓޭޝަނުގައި ތިބި ދެ ފުލުހުން ވެސް ތިބީ ސިޓިން ރޫމުގައި ކަމުގައި ފުލުހުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. ދެން ބުނެފައި ވަނީ އަފްޒަލް އޭނާގެ އުނގުމަތީގައި ޕެޓްރޯލް ހަމެއް ބަހައްޓައިގެން އަމިއްލަ ގަޔަށް ޕެޓްރޯލް އަޅަމުން ދިޔަތަން ފެނުމުން ސިޓިން ރޫމްގައި ތިބި ދެ ފުލުހުން ދުވެފައި އުނދޯލިގެއަށް ދިޔައިރު އޭނާގެ ގައިގައި އަލިފާން ރޯވެފައި ކަމަށާއި، އަދި އެވަގުތުން ފެށިގެން އަލިފާން ނިއްވާލިއިރު އޭނާގެ ހަށިގަނޑުން ބޮޑު ބައެއް ފިހިފައިވާ ކަމަށް ފުލުހުން ބުނާ ކަމަށެވެ.

ފުލުހުން އެހެންބުނެފައި ވިޔަސް އެޗްއާރްސީއެމުން ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ އަފުޒަލް މަރުވެފައި ވަނީ އަމިއްލައަށް ގައިގައި ރޯކޮށްލައިގެންކަން ސާބިތު ނުވާ ކަމަށެވެ.

"...އަފްޒަލް ނިޔާވެފައިވަނީ އަލިފާނުގެ ހާދިސާ އެއްކަމަށް ތަހުގީގަށް ސާބިތުވީ ނަމަވެސް އެ އަލިފާނުގެ ހާދިސާއަކީ އޭނާ އަމިއްލައަށް ގައިގާ ރޯކޮށްލައިގެން ކުރިކަމެއްކަމަށް ނުވަތަ ފުލުހުން އޭނާގެ ގައިގައި ރޯކޮށްލީކަމަށް ތަހުގީގަށް ސާބިތުވެފައެއް ނުވެއެވެ،" ރިޕޯޓުގައި ވެއެވެ.

ޕޮލިސްޓޭޝަނުން ކޮމިޝަނަށް ފާހަގަކުރެވުނު އެކަށީގެން ނުވާ ކަންތައްތަކެއް ވެސް ރިޕޯޓްގައި ވެއެވެ. އޭގެ ތެރޭގައި ސްޓޭޝަން ހިންގުމަށް ކުށްޔަށް ހިފާފައިވާ ތަނަކީ ކުޑަގެއަކަށްވުމާއެކު ކުޑަ ވަގުތުކޮޅަކަށް ވެސް ހައްޔަރުކުރާ މީހުން ބައިތިއްބުމުގެ އެއްވެސް އިންތިޒާމެއް ނެތުމާއި، ހާޒިރުކުރާ މީހުންގެ މަޢުލޫމާތު ތަފުސީލްކޮށް ފެންނަށް ނެތުމާއި، މަސްތުގައި ހުރިކަމަށް ބުނެ އަފްޒަލް ގެންދިޔައިރު މަސްތުގެ ހާލަތު ދެނެގަތުމަށް އެއްވެސް ކަމެއް ފުލުހުން ކޮށްފައިނުވުމާއި އެތަނަކީ ބަންދުގައި ވައްދަން އެކަށީގެން ނުވާ ތަނެއް ކަމަށް ހިމަނާފައި ވެއެވެ.

އަފްޒަލްގެ އެއްބައްޑު އެއްބަފާ ބޭބެ، އަހުމަދު ތޮލާލު ރޭ ބުނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލައިގެ ރިޕޯޓު ހިއުމަން ރައިޓްސް ކޮމިޝަނުން އިއްޔެ ދިނީ އެ ކޮމިޝަނަށް ގޮސް ރިޕޯޓް ނުދެނީސް އެތަނުން ނުނުކުންނާނެ ކަމަށް ބުނުމުން ކަމަށެވެ.

"މީގެކުރިން އެބައޮތް އެކަމާ ގުޅިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ރިޕޯޓެއް ނެރެފައި. އެ ރިޕޯޓް ނެރެފައި އޮތީ ފުލުހުން ހިމާޔަތް ކުރާކަހަލަ ގޮތަކަށް. އެކަމަކު ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓުގައި ނެތް މައްސަލައެއް. އެކަމަކު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރިޕޯޓާއި މެދު ހިތްހަމައެއް ނުޖެހޭ. އަލުން މައްސަލަ ބެލުމަށްފަހު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރިޕޯޓެއް ނެރެދިނުމުގެ ކޯޓް އަމުރަކަށް އެދި މައްސަލަ ކޯޓައް ވަންދަން މިހާރު މިދަނީ ވިސްނަމުން،"ތޮލާލު ބުންޏެވެ.

އޭނާ އަދި ބުނީ ހިއުމަން ރައިޓުސް ކޮމިޝަނުގެ ރިޕޯޓް ލިބިފައިވާތީ މައްސަލާގައި އިހުމާލުވާ ފަރާތް ހޯދަން މައްސަލަކޯޓަށް ވައްދާނެ ކަމަށެވެ.

ގައްދޫ ފުލުސްޓޭޝަންގައި ހިނގި ހާދިސާއަށް ފަހު އަފްޒަލް މަރުވެފައި ވަނީ ފަރުވާއަށް މާލެ ގެނެސް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް ޖޫން5، 2010ގަ އެވެ. އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުނެފައިވަނީ އަފްޒަލް ހައްޔަރު ކޮށްފައިވަނީ މަސްތުވެގެން ހުރެ އާއްމުންނަށް އުނދަގޫކޮށް ވަޅިން ބިރު ދެއްކި މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.